ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އަދި ނިންމާފައި ނުވާ ކަމަށް އެމްޑީޕީއާއި އަދާލަތު ޕާޓީން ބުނެފި އެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީން މިހެން ބުނެފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އެމްޑީޕިއާއި އަދާލަތު ޕާޓީން ބައިވެރިވާން ނިންމައި ލިޔުމަކުން އެކަން އަންގާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވުމާ ގުޅިގެން ކަމަށެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރުއާއި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވަނީ ސަރުކާރުގެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްްގައި އެމަނިކުފާނު ވެސް ވިދާޅުވީ ސަރުކާރާ އެކު މަޝްވަރާކުރަން އެއްބަސްވެފައި ނުވާނެ ކަމަށެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީން ބުނީ މަޝްވަރާތަކުގައި ބައިވެރިވެވޭނީ ސިޔާސީ ދައުވާތައް އުފުލައިގެން ޖަލަށް ލާފައިވާ ސިޔާސީ ބޭފުޅުންނާއި ސިޔާސީ ދައުވާ އުފުލިފައިވާ ސިޔާސީ ބޭފުޅުން މިނިވަން ކުރުމުން ކަމަށެވެ. އެޝަރުތަށް ބަދަލު އައިސްފައި ނުވާ ކަމަށް އަދާލަތާ އެމްޑީޕީން ވެސް ބުންޏެވެ.

މި ދެޕާޓީން ވެސް ބުނީ ސަރުކާރުގެ ކަންކަން ގޯހުން ގޯހަށް ގޮސް ދޮގުހަދައިގެން ދުނިޔެއަށް ކަންކަން އޮޅުވާލަން ސަރުކާރުން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ. އަދި ސަރުކާރުން ކިތަންމެ ވަރަކަށް ކަންކަން ފޮރުވަން އުޅުނަސް ބޭރު ދުނިޔެއަަށް ސަރުކާރުގެ ކަންކަން ހުރި ގޮތް ވަރަށް ސާފު ކަމަށްވެސް ދެ ޕާޓީން ބުންޏެވެ.

ޑރ. ޝައިނީ މިއަދު ވިދާޅުވީ ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް ޕާޓީ ތަކުން ނިންމުމުން މަޝްވަރާ ބައްދަލުވުންތައް ކުރިއަށް އޮތް މާޗް މަހުގެ ދެވަނަ ދުވަހު ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ސިޔާސީ ޕާޓީ ތަކާއި މަޝްވަރާކުރުމަށް ނިންމާ މަޝްވަރާތަކުގައި ބައިވެރިވުމަށް ސަރުކާރުން ޕާޓީތަކަށް ދައުވަތު ދިނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. މަޝްވަރާތަކުގައި ބައިވެރިވުމަށް ދައުވަތު ދީފައިވަނީ އިދިކޮޅު އެމްޑީޕީއާއި، އަދާލަތު ޕާޓީއާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްއާއި، އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޑީއާރްޕީ އަށެވެ.

ސިޔާސީ ޕާޓީ ތަކުގެ މަޝްވަރާތަކުގައި ސަރުކާރު ތަމްސީލް ކުރުމަށް ރައީސް އަބްދުﷲ ޔާމިން ކަނޑައަޅުއްވާފައިވާ ތިން ބޭފުޅުންނަކީ ފިޝަރީޒް މިނިސްޓަރު ޝައިނީ އާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ޔޫތް މިނިސްޓަރު އަހުމަދު ޒުހޫރު އެވެ.