ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ތަހުގީގު ނުނިމި ހުރި ގިނަ އަދަދެއްގެ މައްސަލަތައް ނިންމުމަށް ފުވައްމުލަކުގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުން ހާއްސަ މަސައްކަތްތަކެއް ކޮށްފައިވާ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ މުއައްސަސާއަށް ހުށަހެޅޭ މައްސަލަތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް އެކުލަވާލާފައިވާ ގަވާއިދުގެ ދަށުން ކޭސް މޮޑިއުލްއަށް ގެނައި ބަދަލުތަކާއި ގުޅިގެން މިދިޔަ ޖެނުއަރީ މަހުގެ 12 އިން އެއް މަސް ދުވަހުގެ މުއްދަތަށް ކުރި މި މަސައްކަތުން ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ނުނިމިހުރި 183 މައްސަލައިގެ ތެރެއިން 146 މައްސަލަ ތަހުގީގުކޮށް ނިންމާފައިވާ ކަމަށެވެ.

މިމަސައްކަތުން ތަހުގީގު ނިމިފައިވާ 146 މައްސަލައިގެ ތެރެއިން 55 މައްސަލައެއް ތަހުގީގުކުރުމަށްފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު 91 މައްސަލަ ފައިލްކޮށްފައިވާ ކަމަށާއި ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތައް ކަމަށެވެ.

ފުވައްމުލަކުގައި މަސައްކަތްކުރާ އިންވެސްޓިގޭޝަން އޮފިސަރުން ކުރަމުންދިޔަ މަސައްކަތް ނިންމާލިއިރު ފުވައްމުލަކު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި ނުނިމިހުރީ 37 މައްސަލަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ނުނިމި ހުރި މައްސަލަތަކުގެ 90 އިންސައްތަ ތަހުގީގުކޮށް މިހާރު ނިމިފައިވާއިރު މައްސަލަތަކަށް މާލެއިން ބޭނުންވާ ރިޕޯޓްތައް ލިބުމުން މައްސަލަތަކުގެ ތަހުގީގު މުޅިން ނިންމާލެވޭނެ ކަމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން މައުލޫމާތުދޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.