ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގައި ރައީސް އަބްދުﷲ މަސީހް ފެއިލްވެފައިވާ ކަމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކާއި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ދެމެދު މަޖިލީހުގައި މިއަދު ހިނގާދިޔަ ކަންކަމާއި ގުޅިގެން ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.

އިބޫ ވިދާޅުވީ މަޖިލީހުގެ ޖަލްސާގައި ކަންކަން ގޯސްވެގެންދަނީ މަޖިލީހުގެ ރައީސް އަށް ކަންކަން ނުބެއްލެވޭތީ ކަމަށާއި މިއަދު ވެސް ޖަލްސާގެ ނިޒާމު ގެއްލިގެން ދިޔައީ މަޖިލީހުގެ ރައީސްގެ ސަބަބުން ކަމަށެވެ.

އިބޫ ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނިހާނަށް ނިސްބަތް ކުރައްވާ ރޮޒައިނާ ދެއްކެވީ ކަން ހިނގަމުންދާ ގޮތުގެ ވާހަކަ ހުށަހެޅިފައިވާ ބިލްގެ މައުލޫއުގެ ތެރޭގައި ކަމަށެވެ. އެގޮތަށް ރޮޒައިނާ ވާހަކަ ދެއްކެވުމުން އޭނާގެ މައިންބަފައިންނަށް ނިސްބަތް ކުރައްވާ ނިހާނަށް މަޖިލީހުގެ ވާހަކަ ދެއްކެވިގެން ނުވާނެ ކަމަށާއި ނިހާން އެހެން ވާހަކަދެއްކެވުމުން އެކަން މަޖިލީހުގެ ރައީސް ހުއްޓުވަން ޖެހޭނެ ކަމަށެވެ.

އިބޫ ވިދާޅުވީ ރޮޒައިނާގެ މޫނަށް ނިހާން ކުޅުޖެއްސެވުން އެއީ އެއްގޮތަކަށްވެސް ބަލައިނުގަނެވޭނެ އަދި ވަރަށް ދަށު ދަރަޖައިގެ އަމަލެއްް ކަމަށެވެ. އަދި މަޖިލިސް ތެރޭގައި އެފަަދަ ކަންކަން ހިންގަން އެއްވެސް ފަރާތަކުން ފުރުސަތު ދީގެން ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިއަދުވެސް އެކަން ހިނގިއިރު މަޖިލީހުގެ ރައީސް އަދި ސެކްރެޓޭރިއޭޓްގެ ބޭފުޅުންނަށް ވެސް ފެންނާނެ. އެބޭފުޅުންގެ ކުރިފުޅުމަތީގައި އެކަން ހިނގާދިޔައީ،" އިބޫ ވިދާޅުވި އެވެ.

ރޮޒައިނާގެ މޫނަށް ނިހާން ކުޅުޖެއްސެވުން ކުށްވެރިކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެއީ ދަށު ދަރަޖައިގެ ފިނޑި އަމަލެއް ކަމަށާއި ރޮޒައިނާއަށް އިންސާފު ލިބެންޖެހޭނެ ކަަމަށެވެ.