ނ. މާފަރު އެއާޕޯޓާއި ގދ. މާވަރުލު އެއާޕޯޓް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ހުޅުވާލުމުން ނުވަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

މި ދެ އެއާޕޯޓް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކުން މިއަދުގެ ނިޔަލަށް އީއޯއައި ހުށަހަޅަން ސަރުކާރުން ހުޅުވާލީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

ވީނިއުސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓްރީގެ ދަށުން ހިނގަމުންދާ ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަ ޖެނަރަލް ސާމީ އަގީލް ވިދާޅުވީ މާފަރާ މާވަރުލުގެ އެއާޕޯޓަށް ޝައުގުވެރިކަން ފާޅުކުރި ނުވަ ފަރާތުގެ ތެރޭގައި ހިމެނެނީ ސްރީލަންކާގެ ދެ ކުންފުންޏަކާއި، ޗައިނާގެ ދެ ކުންފުންޏަކާއި، ޖަރުމަންގެ ދެ ކުންފުންޏަކާއި، ދެކުނު ކޮރެއާގެ ދެ ކުންފުންޏަކާއި ތުރުކީ ކުންފުންޏަކާއި އަދި ރާއްޖޭގެ ކުންފުންޏެއް ކަަމަށެވެ.

ސާމީ ވިދާޅުވީ މިފަރާތްތައް ވަޒަންކުރުމަށްފަހު ކުރިއަށް އޮތް ހަފްތާ ތެރޭގައި މިތަނުން އެންމެ ރަނގަޅު ކުންފުނިތަކަށް ރިކްއެސްޓް ފޯ ޕްރޮޕޯސަލް (އާރްއެފްޕީ) ހުށަހަޅަން ފުރުސަތު ދޭނެ ކަމަށެވެ. އަދި މި ދެ އެއާޕޯޓް ހަދާ ފަރާތަކަށް އެއާޕޯޓް ހެދުމުން ބަދަލެއްގެ ގޮތުގައި ރަށެއް ނުވަތަ ފަޅެއް ދޭނަމަ އެކަން ނިންމާނީ ޕްރޮޕޯސަލް ހުށަހަޅާ މަރުހަލާގައި ކަމަށްވެސް ވިދާޅުވި އެވެ.

ސާމީ ވިދާޅުވީ މާލީ ގާބިލްކަން އަދި ތަޖުރިބާ ހުރި ނަމަ މިތަނުން ކޮންމެ ކުންފުންޏަކަށް ވެސް ދެ އެއާޕޯޓް ހެދުމަށް ވެސް ކުރިމަތިލެވިދާނެ ކަމަށާއި އެކަމުގައި އެއްވެސް ހިފެހެއްޓުމެއް ސަރުކާރުން ނުގެން ގުޅޭ ކަމަށެވެ.

މި ދެ އެއާޕޯޓް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ މަސައްކަތް ކުރާ ފަރާތުން ހުރިހާ ހަރަދެއް ކުރާ ގޮތަށް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ. އެއާޕޯޓް ހަދާ ފަރާތުން އެއާޕޯޓް ހިންގަން ބޭނުންވާނަމަ އެ ފުރުސަތު އޮތް ކަމަށްވެސް ރީޖަނަލް އެއާޕޯޓްސް އިން ބުނެ އެވެ.

މާފަރާއި މާވަރުލު އެއާޕޯޓް ހަދަން މީގެ ކުރިން ދެ ކުންފުންޏަކާއި ހަވާލުކޮށްފައިވަނިކޮށް އެ ކުންފުނިތަކާއި އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ބާތިލްކޮށް ނޯޓިސް ދީފައިވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ.

ވީނިއުސްއަށް އެދުވަހު މައުލޫމާތު ދެއްވަމުން ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓާ ޖެނަރަލް ސާމީ އަގީލް ވިދާޅުވީ މާފަރާއި މާވަރުލުގައި އެއާޕޯޓް ހެދުމަށް ހަވާލުކޮށްފައިވާ ކުންފުނިތަކާއި އެކު ހަދާފައިވާ އެއްބަސްވުންތައް ބާތިލްކުރަން ސަރުކާރުން ނިންމީ އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާތީ ކަމަށެވެ.

ގާތްގަނޑަކަށް 17 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވޭ މާފަރު އެއާޕޯޓުގެ ބިންގާ އަޅާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އެވެ. މި އެއާޕޯޓް ހަދަން ހަވާލުކޮށްފައި އޮތޯ އަދީބްގެ އާއިލީ ބޭފުޅެއް ކަމަށްވާ ހާމިދު އިސްމާއިލް (ހާމިދު ސޭޓް)ގެ މިލޭނިއަމް ކެޕިޓަލް މެނޭޖްމަންޓް (އެމްސީއެމް) އަށެވެ.

މާވަރުލު އެއާޕޯޓް ހަދަން 10 ޖުލައި 2011 ގައި ހަވާލުކޮށްފައިވަނީ މޫވިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށެވެ. މި އެއްބަސްވުން ބާތިލްކޮށް މިމަހުގެ 11 ވަނަ ދުވަހު މި ކުންފުންޏަށް ވެސް ވަނީ ނޯޓިސް ދީފަ އެވެ.

މާފަރު އެއާޕޯޓު ހަދަން އެމްސީއެމްއަށް ހަވާލުކުރީ އެއާޕޯޓް ތަރައްގީކުރާ ފަރާތުން ކުރާ ހަރަދު ސަބްސިޑައިޒް ކުރުމަށްފަހު ރިސޯޓް ތަރައްގީކުރަން ދެ ރަށް ހަމަޖައްސައިދޭ ގޮތަށެވެ. މާވަރުލު އެއާޕޯޓް ހަދަން މޫވިން އިންޓަނޭޝަނަލްއާ ހަވާލުކުރީ މާވަރުލުގައި އެއާޕޯޓް ތަރައްގީ ކުރުމާއި އެ އެއާޕޯޓާއިއެކު ރިޒޯޓް ތަރައްގީކުރުމަށް ގދ. ކޮޑާނަހުއްޓާ 50 އަހަރަށް އެ ކުންފުންޏަށް ލިބޭ ގޮތަށެވެ.

މާފަރާއި މާވަރުލުގައި ހަދަން ނިންމާފައިވަނީ 1200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ.