ދިވެހި ދައުލަތާއި ދެކޮޅަށް ކޮމަންވެލްތުން ފިޔަވަޅެއް އަޅާފާނެ ކަމުގެ ވިސްނުމެއް އަދި އެފަދަ ކަންބޮޑުވުމެއް ނެތް ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝޫކޫރު ވިދާޅުވީ އެކި ގައުމުތަކުގެ ދާހިލީ ކަންކަމާއި މެދު ކަންބޮޑުވެ، އަބަދުވެސް ސީމެގުން ބަޔާންތައް ނެރެމުންދާ ކަމަށެވެ.

އާޒިމާ ވިދާޅުވީ ސަރުކާރުންވެސް ރާއްޖޭގެ މަސްރަހާއި ގުޅިގެން ބޭރުގެ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާއިރު ދާދިފަހުން ރާއްޖެ ވަޑައިގެންނެވި އދ.ގެ ވަފުދުންވެސް ރާއްޖޭގެ މަސްރަހާއި ގުޅިގެން ބަޔާން ނެރެފައިވާ ކަމަށެވެ. އަދި އެ ބަޔާންވެސް އޮތީ ވަރަށް ޕޮޒިޓިވްކޮށް ކަމުގައި ވިދާޅުވި އެވެ.

އާޒިމާ އިތުރަށް ވިދާޅުވީ ރާއްޖެއާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކައި ރާއްޖެއަކީ ހައްދުފަހަނައަޅާފައިވާ ގައުމެއް ކަމާއި، ރާއްޖޭގެ މަގުތަކުގައި އައިއެސްއަށް މީހުން ތަންރީނުކުރާ ކަމަށް ބުނެ، ބޭރުގެ ބައެއް ފަރާތްތަކާއި ގުޅިގެން ދިވެހިންވެސް ރާއްޖޭގެ އަގުވައްޓާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް ބޭރުގެ ފަރާތްތަކުންވެސް ރާއްޖެ އައުމުން އެއީ ހަގީގަތެއް ނޫންކަން ހާމަވެގެންދާ ކަމަށް އާޒިމާ ވިދާޅުވި އެވެ.

ކައުންޓަ ޓެރަރިޒަމްގެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާކަން ފާހަގަކުރައްވާ އާޒިމާ ވިދާޅުވީ ރާއްޖޭގެ ނަން ކިލަނބުކުރަން ހާއްސަކޮށް ސިޔާސީ ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއިމެދު ކަންބޮޑުވާ ކަމަށެވެ. މީގެ އިތުރަށް އާޒިމާ ވިދާޅުވީ ހިޔާލުފާޅުކުމުގެ މިނިވަންކަންވެސް ރާއްޖޭގައި އޮތް މިންވަރަށް އޮތް ގައުމެއް މަދުވާނެ ކަމަށެވެ.