ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ތަރައްގީކުރުމަށް އިންޑިއާގެ ޖީއެމްއާރް ކުންފުންޏާ ހަވާލުކުރުމުން އެތަން ތަރައްގީކުރުމަށް އެކުންފުނިން ލޯން ނެގި ފަހުން އެއްބަސްވުން ބާތިލްކުރުމުން ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 170 މިލިއަން ޑޮލަރު ދެއްކުމަށް ދިވެހި ސަރުކާރުގެ މައްޗަށް އިންޓަނޭޝަނަލް އާބިޓްރަލް ޓްރައިބިއުނަލް އިން އަމުރުކޮށްފި އެވެ.

އައިއެންއައިއޭ ތަރައްގީ ކުރުމަށް ޖީއެމްއާރް އިން ވަނީ 160 މިލިއަން ޑޮލަރުގެ ލޯނެއް 10 ޕަސަންޓްގެ އިންޓަރެސްޓް ރޭޓްގައި ނަގާފަ އެވެ. އެހެންކަމުން އިންޓަނޭޝަނަލް އާބިޓްރަލް ޓްރައިބިއުނަލުން އިއްޔެ ނެރެފައިވާ އަމުރުގައި ބުނެފައިވަނީ ޖީއެމްއާރަށް 170 މިލިއަން ޑޮލަރު ނުވަތަ 2.6 ބިލިއަން ރުފިޔާ ދިވެހި ސަރުކާރުން ދައްކަންޖެހޭ ކަަމަށެވެ.

ޖީއެމްއާރް އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލްކުރީ އެއްބަސްވުމާއި ހިލާފަށް އަދި ގާނޫނު ތަކުގެ ބޭރުން ކަމަށް ސިންގަޕޫރުގެ އިންޓަނޭޝަނަލް އާބިޓްރަލް ޓްރައިބިއުނަލް އިން 19 ޖޫން 2014 ގައި ވަނީ ކަނޑައަޅާފަ އެެވެ. ޖީއެމްއާރްގެ އެއްބަސްވުމަކީ އުފެދުނުއިރު ވެސް ބާތިލް އެއްބަސްވުމެއް ކަމަށް ދިވެހި ސަރުކާރުން ބުނި ނަމަވެސް އާބިޓްރޭޝަނުން ނިންމީ ދިވެހި ސަރުކާރާއި ޖީއެމްއާރުން ކޮށްފައިވަނީ ރަނގަޅު އެއްބަސްވުމެއް ކަމަށާއި ގާނޫނާ ހިލާފަށް އެ އެގްރިމެންޓް ބާތިލްކުރުމުގެ ޒިންމާ ދިވެހި ސަރުކާރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ނަގަން ޖެހޭނެ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ އެކު ޖީއެމްއާރުން 25 އަހަރަށް ސޮއިކުރި އެއްބަސްވުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އުވާލުމުން ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ހޯދުމަށް ޖީއެމްއާރުން އާބިޓްރޭޝަނަށް ހުށަހެޅި އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމިނާއި ބަންޑާރަނައިބް މުހައްމަދު އަނިލް ކުރިން ވެސް ވިދާޅުވީ ޖީއެމްއާރަށް ބަދަލުގެ ގޮތުގައި އެވަރުގެ އަދަދެއް ދޭން ނުޖެހޭނެ ކަމަށެވެ. ސަރުކާރުން ކުރިންވެސް ލަފާކޮށްފައި އޮތީ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ވެސް ދޭން ޖެހޭނީ 300 މިލިއަން ޑޮލަރު ކަމަށެވެ.

ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުން 170 މިލިއަން ޑޮލަރު ދައްކަންޖެހިފައިވާއިރު މިއަހަރުގެ ދައުލަތުގެ ބަޖެޓްގައި މިކަމަށް އެއްވެސް ފައިސާއެއް ހިމަނާފައެއް ނުވެ އެވެ.

އައިއެންއައިއޭއާ ޖީއެމްއާރުން ހަވާލުވީ 28 ޖޫން 2010 ގައެވެ. އޭގެ ފަހުން އެކަމާ ދެކޮޅަށް ދިވެހިން ކުރި އިހުތިޖާޖުތަކަށް ފަހު އަލުން އެއާޕޯޓާ ދިވެހި ސަރުކާރުން ހަވާލުވީ އޭގެ ދެ އަހަރާއި ފަސް މަހާއި ހަފުތާއެއް ފަހުން 7 ޑިސެމްބަރު 2012 ގައެވެ.