ސީމެގުގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމައިފިއެވެ.
ސީމެގުން މިގޮތަށް ނިންމާފައިމިވަނީ ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލައި ރާއްޖެއާއި މެދު ފިޔަވަޅު އަޅަންޖެހޭތޯ ބެލުމަށް ކޮމަންވެލްތްގެ އެޖެންޑާގައި ރާއްޖެ ހިމެނުމާ ގުޅޭ ގޮތުން މިއަދު ބާއްވި ސީމެގްގެ ބައްދަލުވުމުގައެވެ.
ރާއްޖެ ސީމެގުގެ އެޖެންޑާގައި ނުހިމެނުމަށް ނިންމާފައިވާއިރު، ސަރުކާރުން ވަނީ ސީމެގުން ރާއްޖެއާއިމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާނެކަމަށް ގަބޫލްނުކުރާކަމަށް ބުނެފައެވެ.
އަދި ރައީސް އަބުދުﷲ ޔާމީން ވަނީ ކޮމަންވެލްތުން ނިންމާ ކޮންމެ ނިންމުމަކަށްވެސް ދިވެހި ސަރުކާރުން އިހްތިރާމް ކުރާނެކަމަށް ބުނެފައެވެ.
ރައީސް ވިދާޅުވީ ކޮމަންވެލްތް ނުވަތަ ސީމެގުން ނަމަވެސް ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ އެކަން ބަލައިގަންނާނެ ކަމަށެވެ. ނަމަވެސް ރައީސް ވިދާޅުވީ ދިވެހިރާއްޖެއާއި ދެކޮޅަށް ފިޔަވަޅު އަޅަންވާނީ މަދަނީ ތަހުޒީބީ މުޖުތަމައަކުން، އިސްލާމީ މުޖުތަމައެއްގައި ކަންކަން ކުރާ ގޮތާއި އެއް މިންގަނޑު ތަކުގެ މިންގަނޑުން އަޅުގަނޑުމެން މިނެކިރައިގެން ކަމަށެވެ. ރާއްޖޭގެ ގާނޫނު ތަކާއި ހިލާފުވާ މީހުންނަށް ފިޔަވަޅު އެޅުމުން އެކަމާ ގުޅިގެން މުޅި ދައުލަތަށް ފިޔަވަޅު އެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ސީމެގުގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމުމާއި ގުޅިގެން ހާރިޖީ ވަޒީރު ދުންޔާ މައުމޫން ވަނީ މިއީ ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމުގައި ސިފަކުރައްވާފައެވެ. ވަޒީރު ވަނީ މިއަދު ސީމެގުގެ ބައްދަލްވުން ކުރިއަށްދިޔައިރު ރާއްޖޭގެ ހާލަތު އެ ގުރޫޕްގެ މެންބަރުންނަށް ސާފްކޮށްދެއްވާފައެވެ.
އަދި ރާއްޖެއާއި ގުޅޭގޮތުން ދެކެވެނީ ހަގީގަތެއް ނެތް ވާހަކަތަކެއްކަމުން މިފަދަ ވާހަކަތަކަކަށް ބިނާކޮށް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ ލިބިގެންދާނެ ގެއްލުންވެސް އެކަމަނާ އެ ބައްދަލްވުމުގައި ވަނީ ހިއްސާކުރައްވާފައެވެ. ދުންޔާ ވިދާޅުވީ ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމައިފިނަމަ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބި ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑެތި އަސަރުތަކެއް ކުރާނެކަމަށެވެ. އަދި އިގްތިސާދުި ރަނގަޅުކޮށް ދުޅަހެޔޮކުރުމަށް ރައީސް އަބުދުﷲ ޔާމީން ހަރުދަނާ ފިޔަވަޅުތަކެއް އަޅުވަމުން ގެންދަވަނިކޮށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފިނަމަ އެކަމުގެ އަސަރު އިގްތިސާދަށް ވަރަށް ބޮޑަށް ކުރާނެކަމަށް ދުންޔާ ވިދާޅުވިއެވެ.
ސީމެގުގެ އެޖެންޑާގައި ރާއްޖެ ހިމެނުމާއި ގުޅޭގޮތުން މިއަދު ބޭއްވި ބައްދަލްވުމުގައި މެންބަރުންނަށް މައުލޫމާތު ދެއްވަމުން ހާރިޖީ ވަޒީރު ދުންޔާ މައުމޫނާއި، ބަންޑާރަ ނާއިބް މުހައްމަދު އަނިލް ތިއްބެވީ ރާއްޖެއިން ބޭރުގައެވެ.
ސީމެގުގެ އެޖެންޑާގައި ރާއްޖެ ހިމެނުމާއި ގުޅޭގޮތުން މީގެ ކުރިންވެސް ތަފާތު އެކި ފަހަރުމަތިން ވަނީ މަޝްވަރާކޮށްފައެވެ. އަދި މީގެކުރިން ދެފަހަރެއްގެ ސީމެގުގެ އެޖެންޑާގައި ރާއްޖެ ވަނީ ހިމަނާފައެވެ.
އެއީ ރައީސް ނަޝީދުގެ ވެރިކަން ބަދަލްވެގެންދިޔަ ހާދިސާއާއި ގުޅިގެންނާއި، 2013 ވަނަ އަހަރު ރިޔާސީ އިންތިހާބު ބޭއްވުން ފަސްވެގެން ދިއުމާއި ގުޅިގެންނެވެ.