އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަން ކުޅުނު ފުރަތަމަ މެޗުން މިއަދު އިންޑިއާގެ މޯހަން ބަގާން އަތުން 5-2 ލަނޑުން ބަލިވެއްޖެ އެވެ.

އިންޑިއާގެ ގުވަހާތީގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ މޯހަންބަގާންއިންނެވެ. އެލަނޑު މެޗުގެ 19 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސޮނީ ނޯރްޑޭއެވެ. އަދި މެޗުގެ ލީޑް ފުޅާ ކުރި ލަނޑު 33 ވަނަ މިނެޓުގައި މޯހަންބަގާންއަށް ކާމިޔާބު ކޮށްދިނީ އިންޑިއާ ގައުމީ ޓީމުގެ ކުޅުންތެރިއާ ޖޭޖޭ އެވެ. އަދި އޭނގެ ދެ މިނެޓްފަހުން މޯހަންބަގާންއިން އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކުރިއެވެ. އެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކޯނެލްއެވެ.

މޯހަންބަގާން ކޮޅަށް މާޒިޔާއިން ޖެހި ފުރަތަމަ ލަނޑު ޖެހީ މެޗުގެ 61 ވަނަ މިނެޓުގައެވެ. އެލަނޑު މާޒިޔާއަށް ކާމިޔާބު ކޮށްދިނީ އަހުމަދު އިމާޒް(އާއްކޮ) އެވެ. އެހެންނަމަވެސް އޭނގެ އަށް މިނެޓް ފަހުން މޯހަންބާގަންއިން ވަނީ އެޓީމުގެ ހަތަރު ވަނަ ލަނޑު މާޒިޔާ ކޮޅަށް ޖަހާ، މާޒިޔާ ހާސްކޮށްލާފައެވެ. އެލަނޑު މާޒިޔާ ކޮޅަށް ޖެހީ ޖޭޖޭ އެވެ. އަދި މާޒިޔާ ކޮޅަށް މޯހަންބަގާންއިން ޖެހި ފަސް ވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކޯނެލް އެވެ.