އޭނާ ފެންނައިރު އަބަދުވެސް ހުންނަނީ ހިނިތުންވެފަ އެވެ. ވާހަކަ ދައްކާއިރު މީހުންނާ ނިކަން ރަހްމަތްތެރި އަދި ހިތްހެޔޮ ގޮތެއް ހުރެ އެވެ. މިއަދު ރާއްޖޭގެ ނޫސްތަކުގައި އަބަދު ދެކެވެނީ އެމީހެއްގެ ވާހަކަ އެވެ. ސޯޝަލް މީޑިއާ ބަންޑުން ވަނީ އޭނާގެ ފޮޓޯތަކުންނެވެ. އޭނާގެ ހިތްވަރު ގަދަ ކަމާއި ޖެހިލުންކުޑަކަން ފެނުމުން އެތައް ބަޔަކު ތިބެނީ ހައިރާންވެފަ އެވެ.
މިދައްކަނީ އަބްދުލްޣަފޫރު އަލީ ނުވަތަ އެންމެން ދަންނަ ނަމުން ނަމަ ގައްބެގެ ވާހަކަ އެވެ.
ރާއްޖެ ވަށައި ބުރު ޖެހުމަށް ގައްބެ މާކަނޑުތަކަށް ނިކުތީ މިހަރަކާތުގެ މެއިން ސްޕޮންސާ އެލިއާ އިންވެސްޓްމެންޓްގެ މެނޭޖިން ޑިރެކްޓަރު އަލާއު އަލީ އާއި އެކު މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ. ގައްބެ މިހާރު ވަނީ މި ދަތުރުގެ 60 ޕަސެންޓަށް ވުރެ ބޮޑުބައި ފުރިހަމަކޮށްފަ އެވެ. ރިޔަލުގައި ރާއްޖެ ވަށައިގެން މީހަކު ކުރާ ފުރަތަމަ ދަތުރު ވަރަށް ކައިރިން ތަޖުރިބާކޮށްލުމުގެ ފުރުސަތު މިވަނީ ލިބިފަ އެވެ. އެމަންޒަރުތައް ގައްބެ މިކުރާ ދަތުރުގައި އޭނާ ނަގާ ފޮޓޯ ތަކުންވެސް ދަނީ ފެންނަމުންނެވެ. އެތައް ދިވެހިން މިއަދު އޭނައަށް ކިޔަނީ ހޫނު މަރުހަބާ އެކެވެ.