ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި ރަނގަޅު ފެހި ސިގުނަލެއް ލިބޭ ހިސާބުން ފެށިގެން އެމަސަކަތް ކުރާނެ ފަރާތެއް ހޯދަން ހުޅުވާލާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވީނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޑރ. ޝައިނީ ވިދާޅުވީ ރާއްޖެއިން ތެޔޮ ހޯދުމުގެ މަސައްކަތުގައި ރަނގަޅު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

"އެކަމަކު މިވަގުތަކީ ތެލުގެ އަގު ދަށް ވަގުތެއް ކަމުން އެމަސައްކަތަށް ބިޑް ހުޅުވާލަން މިއިީ އެންމެ ރަނގަޅު ވަގުތުކަމަށް ނުދެކެން،" ޝައިނީ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ މިހާތަނަށްވެސް ރާއްޖެއިން ތެޔޮ ނަގައިގެން މަސައްކަތްކުރެވިދާނެ ކަމުގެ ޔަގީންކަން ބޭރުގެ ފަރާތްތަކަށް ދީފައިވާނެ ކަމަށެވެ. އޭގެ ސަބަބުން އެމަސައްކަތުގައި ބައިވެރިވާން ގިނަ ފަރާތްތަކުން ތައްޔާރަށް ތިބި ނަމަވެސް އެމަސައްކަތް ފަށަން އެންމެ ރަނގަޅު ވަގުތު ޖެހުމުން އެކަމަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

މީގެ އިތުރަށް ޑރ. ޝައިނީ ވިދާޅުވީ ސައުދީން ގެނައުމަށް ނިންމާފައިވާ ސާފުނުކުރާ ތެޔޮ ސާފުކުރާނެ ފަރާތްތެއް ހޯދުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު އެމަސައްކަތުގައި ސަރުކާރާއި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތަކީ ކޮބައިތޯ ބަލަމުންދާ ކަމަށެވެ. އަދި ދުނިޔޭގެ ތެލުގެ އަގަށް އައި ބަދަލާއި ގުޅިގެން ތެޔޮ ހޯދުމުގެ މަސައްކަތުގައި އިތުރު މަޝްވަރާތައް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖެއިން ތެޔޮ ހޯދުމަށް ކުރި ސާވޭތަކުން، ތެޔޮ ނުވަތަ ގޭސް ހުރުމުގެ ނިޝާން ފެނިފައިވާ ކަމަށްވެސް ޝައިނީ ވިދާޅުވެފައިވެ އެވެ.