އިންޑިއާގެ ފިލްމީ ތަރި އުމުރުން 56 އަހަރުގެ ސަންޖޭދަތު ޖަލުން މިނިވަންވެއްޖެ އެވެ.

ސަންޖޭއަށް ލިބުނު މައާފަކާއި ގުޅިގެން އިންޑިއާގެ ޕޫނާގެ ޔަރްވާދާ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ސަންޖޭ ޖަލުން މިނިވަންކޮށްފައި މިވަނީ ހުކުމްގެ ބާކީ އަށް މަސް ދުވަސް އޮއްވަ އެވެ. ސަންޖޭ 42 މަސް ދުވަހު ޖަލުގައި ހޭދަކުރި ފަހުން މައާފް ދިނީ އޭނާގެ އަހްލާގު ރަނގަޅު ކަމުންނެވެ.

ސަންޖޭ މާޗް 2013 ގައި ޖަލަށް ލުމަށް ހުކުމްކުރީ މުމްބައިގައި 1993 ވަނަ އަހަރު ހިނގާދިޔަ ބޮން ގޮއްވުމުގެ ހާދިސާތަކަކަށް ފަހު ސަންޖޭ ދަތު މަނާ ހަތިޔާރެއް ގެންގުޅުމުގެ ކުށް ސާބިތުވުމުން ހަ އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ސަންޖޭ ޖަލުން ނެރުމަށް ހަމަޖެހިފައި އޮތީ މިއަދު ހެނދުނު 7:00 ޖަހާއިރު ނަމަވެސް ސަންޖޭ މިނިވަންކުރުމާ ދެކޮޅަށް ޖަލުގެ ގައިދީން ތަކެއްް މުޒާހަރާ ކުރުމުން ސަންޖޭއަށް ޖަލުން ނިކުމެވުނީ ހެނދުނު 9:00 ޖެހިއިރު އެވެ.

ސަންޖޭ މިއަދު ޖަލުން މިނިވަންކޮށްފައި މިވަނީ އިންޑިއާގައި ފާހަގަކޮށްލެވޭ ސޯޝަލް މީޑިއާ އެކްޓިވިސްޓަކު އެގައުމުގެ މުމްބާއީގެ ހައިކޯޓަށް އެކަމާ ދެކޮޅަށް މައްސަލައެެއް ހުށަހަޅާފައިވަނިކޮށެވެ. މިމައްސަލާގައި ބުނެފައިވަނީ އެހެން ގައިދީންނަށް ނުލިބޭ ފުރުސަތުތަކެއް ޖަލު ބަންދުގައި ހުރި އިރު ސަންޖޭއަށް ލިބުނު ކަމަށާ އެހެންކަމުން އޭނާއަށް މާއަވަހަށް މައާފްދެވިގެން ނުވާނެ ކަމަށެވެ.

ސަންޖޭ ވަނީ ޖަލުގެ ހުކުމްގައި ހުރި އިރު ބައެއް ފަހަރަށް ގެއަށް ބަދަލުވެ ގޭގައި ވެސް ދުވަސްތަކަކު މަޑުކޮށްފަ އެވެ.

ސަންޖޭ ޕޫނާގެ އެއާޕޯޓުން މުމްބާއީ އަށް ދިއުމަށް ހަމަޖެހިފައިވަނީ ޗާޓަރު ފްލައިޓެއްގަ އެވެ. މުމްބާއީގައި ހުންނަ ސަންޖޭގެ ގެއަށް އޭނާ ދަނީ އޭނާގެ މަންމަ ވަޅުލާފައި އޮތް ތަނަށް ޒިޔާރަތްކުރުމަށް ފަހު މަންމައަށް ހެޔޯ ދުއާ ކުރުމަށްފަހު ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.