ފީފާގެ ރައީސް ސެޕް ބްލެޓާ އާއި ޔުއެފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ އަށް ފީފާ އިން ދީފައިވާ ސަސްޕެންޝަން ލުއިކޮށްދީފި އެވެ.

ފުޓްބޯޅައާ ގުޅުން ހުރި ހުރިހާ ހަރަކާތްތަކުން އަށް އަހަރުގެ މުއްދަތަކަށް އެ ދެމީހުން ސަސްޕެންޑްކުރި ނަމަވެސް، އިއްޔެ ފީފާއިން ވަނީ އެ މުއްދަތު ހަ އަހަރަށް ކުޑަކޮށްދީފައެވެ.

ފީފާގެ އެޕީލް ކޮމިޓީން ބުނީ، އެ ދެމީހުންގެ ސަސްޕެންޝަން ކުޑަކުރަން ޖެހުނީ އެމައްސަލަ އުވާލުމަށް އެ ދެ މީހުން ހުށަހެޅުއްވުމުން ނެވެ. އެހެން ނަމަވެސް އެދެމީހުން ހުށައެޅި މައްސަލައަށް ރިޔާއަތް ކޮށް ފީފާއިން ނިންމީ އަދަބުލުއިކޮށް ދިނުމަށް ކަަމަށް ފީފާއިން ބުންޏެވެ.

"އެ ދެމީހުންގެ އަދަބު ލުއިކޮށްދޭން ނިންމީ މައްސަލައިގައި ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށް ފަހު. އެހެން ކަމުން އެދެމީހުން ގެ އަދަބު މިހާރު ވަނީ ހަ އަހަރަށް ކުޑަކޮށްދީފައި،" ފީފާގެ އެޕީލް ކޮމިޓީން ބުނެފައި ވެއެވެ.

ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ބްލެޓާ އާއި ޕްލެޓިނީ އަށް އަހަރަށް ސަސްޕެންޑް ކުރުމުގެ އިތުރުން އެ ދެމީހުން ވަނީ ފައިސާއިން ޖޫރިމަނާވެސް ކޮށްފައެވެ. އެގޮތުން ބްލެޓާ ޖޫރިމަނާ ކޮށްފައި ވަނީ 50،000 ޑޮލަރު އިނުންނެވެ. އަދި ޕްލެޓިނީ ޖޫރިމަނާ ކުރީ 80،000 ޔޫރޯ އިންނެވެ.

ކޮރަޕްޝަންގެ މައްސަލައެއްގައި ބްލެޓާ އާއި ޕްލެޓިނީ އަށް އަހަރަށް ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. އަދި އޭނގެ ކުރިން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އެދެމީހުން ވަނީ 90 ދުވަހަށްވެސް ސަސްޕެންޑް ކޮށްފައެވެ.

މިދެމީހުން ސަސްޕެންޑްކުރީވެސް ކޮރަޕްޝަގެ މައްސަލައެއް ސާބިތުވުމާއި ގުޅިގެންނެވެ. އެގޮތުން ޕްލެޓިނީ އާއި ބްލެޓާ އަށް ކޮރަޕްޝަންގެ ތުހުމަތުކުރެވިފައިވަނީ 2011 ވަނަ އަހަރު ބްލޭޓާގެ ފަރާތުން ޕްލެޓިނީ އަށް ލިބުނު 1.35 މިލިއަން ޕައުންޑްގެ ޕޭމަންޓަކާ ގުޅިގެންނެވެ. ޕްލެޓިނީ އަދި ބެލްޓާ ވެސް ކޮރަޕްޝަންގެ ތުހުމަތުތައް ދޮގުކުރެ އެވެ. ޕްލެޓިނީ ބުނީ އެ ޕޭމަންޓަކީ ބްލެޓާގެ އެޑްވައިޒަރެއްގެ ގޮތުގައި 1998 އިން 2002 ވަނަ އަހަރާ ހަމައަށް އޭނާ މަސައްކަތްކުރިއިރު، މުސާރައިގެ ގޮތުގައި އޭނާ އަށް ނުލިބިހުރި ފައިސާ ކަމަށެވެ.