ޑީނަމޯ ކިއެވްގެ އަތުން 1-3 ލަނޑުން މޮޅުވެ ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލާ ގާތަށް މެންޗެސްޓާ ސިޓީ ރޭ ޖެހިލައިފި އެވެ.

ރޭގެ މެޗުގައި ސިޓީގެ ލަނޑުތައް އެތީމަށް ކާމިޔާބު ކޮށްދިނީ ފޯވާޑް ސާޖިއޯ އަގުއެރޯ އާއި ޑޭވިޑް ސިލްވާ އަދި ޔާޔާ ޓޫރޭ އެވެ. އަދި ސިޓީކޮޅަށް ޑީނަމޯ އިންޖެހި އެޓީމުގެ ހަމައެކަނި ލަނޑު 59 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ވިތާލީ އެވެ.

ފުރަތަމަ ލެގުގެ މެޗު ސިޓީން ކާމިޔާބުކޮށް ކުއާޓާފައިނަލަށް ގާތަށް ޖެހިލާފައިވާއިރު، މީގެކުރިން މި މުބާރާތުގެ ކުއާޓާފައިނަލާ ހިސާބަށް ސިޓީއަށް ދަތުރުކުރެވިފައެއް ނުވެއެވެ.

ރޭގެ މެޗަށް ފަހު ސިޓީގެ ކޯޗު މެނުއަލް ޕެލެގްރިނީ ބުނީ މި ނަތީޖާއާ މެދު ވަރަށް ހިތް ހަމަޖެހޭ ކަމަށާއި ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ކުޅޭއިރު ރޭގެ މެޗުގައި ހެދުނު ބައެއް މިސްޓޭކްތައް ރަނގަޅު ކުރަން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ.

މިމުބާރާޓުގެ ދެ ވަނަ ލެގުގައި މި ދެޓީމް ބައްދަލުރާ މެޗް އޮންނާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.