ލޯންޗެއް އެކީ ގޮއްވާލެވޭ ވަރުގެ ގޮވާ އެއްޗެއް އުފައްދަން ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ބަޔަކަށް އިރުޝާދު ދެއްވާފައިވާ ކަން ތަހުގީގަށް ހެކި ލިބިފައިވާ ކަމަށް ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ ހިނގާދިޔަ ގޮތް ބެލުމަށް އުފައްދާފައިވާ ނެޝަނަލް އިންކްއަރީ ކޮމިޝަން އިން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކަން ހާމަކުރެއްވީ ނެޝަނަލް އިންކްއަރީ ކޮމިޝަންގެ ކޯޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.
އުމަރު ވިދާޅުވީ ރިޔާސީ ލޯންޗްކޮޅު ގޮއްވާލުމުގެ ކަންކަމުގައި އަދީބް އެންމެ އިސްކޮށް ހުންނެވިކަން ތަހުގީގަށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. ނަމަވެސް މިފަަދަ މައްސަލަތަކަކީ ބައެެއް ފަހަރު ޝަރުއީ މަރުހަލާގައި ސާބިތުކުރަން އެހާ ފަސޭހަ މައްސަލަތަކަކަށް ނުވާތީ ހުރިހާ ފަހަރެއްގައި މިފަދަ މައްސަލަތައް ކޯޓެއްގައި ސާބިތު ނުވެދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރިޔާސީ ލޯންޗްކޮޅު (ފިނިފެންމާ)ގައި އެއްޗެއް ގޮއްވާލުމުގެ ކުރީ ރޭ އަހްމަދު އަދީބް އެ ލޯންޗްގައި އާރަށަށް ވަޑައިގެން ވަރަށް ގިނައިރު އެރަށުގައި އުޅުއްވި ކަމަށެވެ. އަދީބް އާރަށަށް ވަޑައިގެންނެވި ރެއަކީ އެމަނިކުފާނު ވަރަށް ބޮޑަށް އަރިދަފުސް ރޯގާގެ އާލާސްކަންފުޅާ އުޅުއްވި ރެއަކަށް ވާތީ އެރޭ މޫދަށް އެރިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރެއްވޭ ކަމަށާއި އަދި މޫދަށް އެރިވަޑައިގެންނެވި ކަމަށް މިހާތަނަށް އެނގިވަޑައިގެންފައިވެސް ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ރިޔާސީ ލޯންޗްކޮޅުގައި ގޮއްވާލި އައިއީޑީ ހެދީ ރެހެންދި ފްލެޓްގައިތޯ ނޫސްވެރިޔަކު ސުވާލު ދެންނެވުމުން އުމަރު ވިދާޅުވީ ރެހެންދި ފްލެޓްގައި އައިއީޑީގެ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެކަމަކު އައިއީޑީ އެތަނުގައި ނުހަދާ ކަމަށްވެސް އަދި ނުގެންގުޅޭ ކަމަށްވެސް ދަންނަވަން ބޭނުން ނުވާ ކަަމަށެވެ. ނަަމަވެސް އެތަން ބަލައި ފާސްކުރެވުނު ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ބ. ހިބަޅިދޫ އިން ފެނުނު ގޮވާތަކެއްޗާއި ރިޔާސީ ލޯންޗްކޮޅުން ފެނުނު ގޮވާތަކެތީގައި ހުރި މާއްދާތަކުގައި އެއްގޮތް ކަންތައްތަކެއް ހުރުމުން މިއީ ދިމާލަކުން އައި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. ހިބަޅިދޫ އިން ހަތިޔާރު ފެނުނު މައްސަލާގައި ފިލައިގެން އުޅޭތީ އެންމެ ބޮޑަށް ފުލުހުން ހޯދަން ބޭނުންވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)އަކީ އަދީބްގެ ގާތް މީހެކެވެ.
އުމަރު ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ފަހުންވެސް އެތައް ދުވަހަކަށް އަދީބް ދޫކޮށްލާފައި ހުރުމުން ބައެއް ކަންކަން ހޯދައިގަންނަން ދަތިވި ކަމަށެވެ. އަދި އެމުއްދަތުގައި ތަހުގީގު ކުރިއަށްދިޔަ ގޮތުން ތަހުގީގު ކުރިއަށް ދަނީ އަދީބާއި ދިމާލަށް ކަަމަށް އޭނާއަށް ވިސްނިވަޑައިގަންނަވާތީ މައްސަލައާއި ގުޅޭ ހެކި ނައްތާލުމަށް އަދީބް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގެ ތަހުގީގަށް ބަންދުކޮށްފައި ތިބި މީހުުން ދޭ އިއުތިރާފް ބަޔާނަށް އެކަނި މިކަމާ ގުޅޭ މައްސަލަތައް ނިންމާނުލާނެ ކަމަށާއި ކޮންމެ ކަމަށްވެސް ލިބެން ހުރި ހެކިތައް ހޯދާނެ ކަމަށެވެ. ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ ބައެއް ފުލުހުންނަށް އަދީބް ކިތަންމެ ވަރަށް ނުފޫޒު ފޯރުވާފައިވިޔަސް ރިޔާސީ ލޯންޗްކޮޅުގެ މައްސަލާގައި އަދީބްގެ ބައިވެރިވުމެއް އޮތް ކަން ފަޅާއަރުވާލީ ނުވަތަ "ބްރޯބަސްޓް"ވީ ފުލުހުންގެ އިސް ސަފުގައި ތިބި ތެދުވެރި ފުލުހުންތަކެއް އެމައުލޫމާތު އުމަރަށް ދެއްވުމުން ކަމުގައިވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އަދީބްގެ މައްސަލަ ތަހުގީގުކޮށް މައްސަލާގައި ދައުވާކުރަން ޕީޖީ އޮފީހަށް މައްސަލަ ފޮނުވީ ފުލުހުން ކަމަށެވެ. ކޮމިޝަނުން ފުލުހުންނަށް ދިން އެހީތެެރިކަމަކީ ތަހުގީގު ކުރިއަށް ގެންދަންވީ ގޮތާއި ތަހުގީގު ބަލަންވީ ކަންކަމުގެ މައުލޫމާތު ކަމުގައި ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރިޔާސީ ލޯންޗްކޮޅަށް ދެވުނު ހަމަލާއަކީ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ދެވުނު ހަމަލާއަކަށްވާތީ އަދީބް ވެސް ހިމެނޭ ގޮތަށް މިކަމުގައި ބައިވެެރިވި މީހުންނަށް ކުރާނީ ޓެރަރިޒަމްގެ ދައުވާ ކަމަށާއި ތަހުގީގު ވެސް އެކަމަށް ބަލައިގެން ކަމަށެވެ. އަދި މައްސަލައާއި ގުޅޭ ހެކި ޕީޖީ އަށް ފޮނުވިފައިވާވާތީ މިމައްސަލަ ޝަރީއަތުގައި ސާބިތުކުރެވޭނެ ކަަމަށް ފެންނަ ކަމުގައިވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލާގައި ހޯދަން އިއުލާންކުރި ބައެއް މީހުން އަދި ހައްޔަރުކުރެވިފައި ނެތް ނަމަވެސް އެމީހުން ހޯދައި ހައްޔަރުކޮށް ރާއްޖެއަށް ގެނެސް އަދަބުވެސް ދޭނެ ކަމަށާއި އެމީހުންނާ ގާނޫނު ހަމަކުރާނެ ކަމަށެވެ. ފިލައިގެން އުޅެނީ ސިޔާސީ ގޮތުންވެސް ބުރަދަނެއް ނެތް ބައެއް ކަން ފާހަގަކުރައްވާ އުމަރު ވިދާޅުވީ އެމީހުންގެ އަތުގައި ހުރި ބައެއް މައުލޫމާތު އިދިކޮޅު ފަރާތްތަކަށް ދީގެން ކަންކަން އޮޅުވާލަން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މީގެ ތެރެއިން ބައެއް މީހުން އެބޭފުޅުންނާ މުއާމަލާތްކޮށްފައިވެސް ވާކަމަށާއި ނަމަވެސް ވޮލަންޓިއާކޮށް ރާއްޖެ އަންނަން ބޭނުުން ނުވާ ކަމަށްވެސް ވިދާޅުވި އެވެ.