ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އަސާސީ ގަވާއިދު ފާސްކުރަން ބާއްވާ ކޮންގްރެސް ފަސްކޮށްފި އެވެ.

އެފްއެއެމްގެ ރަސްމީ ވެބްސައިޓުގައި ބުނެފައި ވަނީ، ކުރިން އަންނަ މަހުގެ ދެ ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކޮންގެރެސް ފަސްކޮށްފައިވާ ކަމަށާއި އެގޮތުން މިހާރު ކޮންގްރެސް ބާއްވަން ނިންމާފައިވާ ތާރީހަކީ އަންނަ މަހުގެ ހަ ވަނަ ދުވަހު ކަމަށެވެ. އަދި ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ ދަރުބާރުގޭ ފާސަނާ މާލަމުގައި ކަމަށް ވެސް އެފްއޭއެމްގެ ވެބްސައިޓުގައި ބުނެފައި ވެއެވެ.

އެފްއޭއެމްއިން އިން އަލުން އާ އަސާސި ގަވާއިދެއް ފާސްކުރަން ނިންމާފައި މިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފާސްކުރި އަސާސީ ގަވައިދުގައި ރާއްޖޭގެ ގާނޫނާއި ގަވާއިދުތަކާ ފުށުއެރުންތަކެއް ހުރި ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީ އަދި ހޯމްމިނިސްޓްރީން ވެސް ބުނެފައި ވާތީވެ ކަމަށެވެ.

މިދިޔަ އަހަރު ބާއްވަން ނިންމި އެއިދާރާގެ އިންތިހާބުވެސް ނުބޭއްވުނީ އަސާސީގަވާއިދު ރަނގަޅު ނޫންކަމަށް ސަރުކާރުން ނިންމާފައި ވުމުންނެވެ.

ސަރުކާރުން ބުނެފައި ވަނީ، ރާއްޖޭގެ ގާނޫނާއި ގަވައިދާ އެއްގޮތަށް އެފްއޭއެމްގެ އަސާސީ ގަވައިދު އިސްލާހުކުރުމަށް ފަހު ނޫނީ އިންތިހާބު ނުބެއްވުމަށެވެ. އަދި އެކަން ވީހާވެސް އަވަހަކަށް ރަނގަޅު ކުރުމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ވީނިއުސްއާ ވާހަކަ ދައްކަމުން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އާދިލް ޖަލީލް ވިދާޅުވީ، އަސާސީ ގަވާއިދު އިސްލާހް ކުރާތާ ދެ ދުވަހެއްގެ ތެރޭގައި އެއިދާރާގެ އިންތިހާބު ބާއްވާނެ ދުވަހެއް އިއުލާން ކުރެވިގެން ދާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވާނީ ސަރުކާރުން އެބުނާ ކަންކަން ރަނގަޅު ކުރުމަށްފަހު ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

ފީފާއިން ބުނެފައި ވަނީ އެފްއޭއެމްގެ އިންތިހާބު އަންނަ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ބާއްވަން ޖެހޭނެ ކަމަށެވެ .