ސިފައިންގެ ބަޑިގުދަނުން ހަތިޔާރު ނެރެވުނީ އެކަމުގެ ޒިންމާތަކާއި ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުން ގައުމަށް ހިޔާނަތްތެރިވެ ޣައްދާރުވުމުން ކަމަށް ނެޝަނަލް އިންކްއަރީ ކޮމިޝަންގެ ކޯ ޗެއާ އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ލޯންޗްކޮޅުގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުމަރު ވިދާޅުވީ ސިފައިންގެ ބަޑި ގުދަނަކީ އަބަދުވެސް ވަރަށް ހަރުދަނާ އުސޫލެއްގެ ތެރެއިން ބެލެހެއްޓިގެން އައިސްފައިވާ ތަނެއް ކަމަށެވެ. އެކަން އެނގިގެންދަނީ ސިފައިން ހަތިޔާރު ގެންގުޅެން ފެށިތާ 100 އަހަރު ވެގެން ދިޔައިރުވެސް އެތަނުން ހަތިޔާރު ނެރެފައި ނުވާތީ ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ރިޔާސީ ލޯންޗްކޮޅުގެ ތަހުގީގުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއްގައި ބ. ހިބަޅިދޫ އިން ފެނުނު ހަތިޔާރުތަކުގެ ތެރޭގައި ސިފައިންގެ ބަޑިގުދަނުގެ ތަކެތި ހުރި ކަމަށާއި އެގޮތަށް ދިމާވީ ބަޑިގުދަނާ ހަވާލުވެ ތިއްބެވި ބޭފުޅުން ގައުމަށް ހިޔާނާތްތެރިވުމުން ކަމުގައިވެސް ވިދާޅުވި އެވެ.
"މިފަހަރު ބަޑިގުދަނުގެ ތެރެއިން އެއްޗެއް ނިކުންނަށް ދިމާވި މައިގަނޑު ސަބަބެއް ކަމަށް އަޅުގަނޑުމެން ދެކެނީ އެޒިންމާތަކާއި ހަވާލުވެ ތިބި ސީނިއަ މީހުން ގައުމަށް ހިޔާނާތްތެރިވުން. ބަޑިގުދަނާ ހަވާލުވެ ތިއްބެވި އެންމެ އިސް ބޭފުޅުންނާއި ގޮވާ އެއްޗިއްސާ ހަވާލުވެ ތިއްބެވި އެންމެ އިސް ބޭފުޅުން ގައުމަށް ހިޔާނާތްތެރިވުން ފަދަ ކަމެއް ހިންގައިފިއްޔާމު ދެން މިކަހަލަ އެއްޗެއް އޭގެތެރެއިން ނުނިކުތުމަކީ ހަމަ ނުވެ ނުދާނެ ކަމެއް،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބަޑިގުދަނުން އެއްޗެއް ބޭރުވި ނަމަވެސް ނިސްބަތުން އެއީ ހަމަ ވަރަށް ކުޑަ އެއްޗެއް ކަމަށާއި ނަމަވެސް އޭގެ ތެރޭގައި ގޮވާތަކެތި ހުރިކަން އެއީ ނުރައްކާތެރިކަމެއް ކަމަށެވެ. މީގެ އިތުރަށް ހަތިޔާރުވެސް ބޭރުވެފައި ހުރި ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ސިފައިންގެ ބަޑި ގުދަނުން ހަތިޔާރާއި ގޮވާތަކެތި ބޭރުވިކަން އިނގުނު ހިސާބުން އެކަން އިސްލާހުކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެހެންކަމުން ސިފައިންގެ ބަޑިގުދަނުން ދެން ހަތިޔާރާ ގޮވާތަކެތި ނުނެރެވޭނެ ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާ ކަމުގައިވެސް ވިދާޅުވި އެވެ.
ބަޑިގުދަނުން ހަތިޔާރާއި ގޮވާތަކެތި ބޭރުވި މައްސަލާގައި ބަޑިގުދަނުގެ ކުރީގެ ވެރިޔާ ކާނަލް އަހްމަދު ފަޔާޒު (ޕާޕާ) ތިން މަސް ވަންދެން އިއްޔެއާއި ހަމައަށް ހުރީ ސިފައިންގޭގައި ހައްޔަރުކޮށްފަ އެވެ. ސިފައިން އިއްޔެ އޭނާ ދޫކޮށްލުމާއި އެކު ފުލުހުން މިހާރު ވަނީ އޭނާ ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެެވެ.
އުމަރު ވިދާޅުވީ ރިޔާސީ ލޯންޗްކޮޅުގެ މައްސަލައާއި ގުޅިގެން މިހާރު ފުލުހުންގެ ބަންދުގައި ތިބީ އަށް މީހުން ކަމަށާއި އޭގެ ތެރޭގައި އެކެއްގެ މައްޗަށް މޮނިކޯން އޯޑަރެއް ހިންގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިމައްސަލަ ތަހުގީގުކުރުމަށް ދައުލަތަށް ގާނޫނީ ގޮތުން ލިބިދޭ ހުރިހާ ބާރެއް ބޭނުންކުރާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ މިމައްސަލަތައް ބެލުމަށް ފުރިހަަމަ އިހްތިޔާރާ ބާރު ދެއްވާފައިވާ ކަމަށެވެ. އަދި ރިޔާސީ ލޯންޗްކޮޅުގެ ތަހުގީގުގެ ތެރެއިން ފެންމަތިވެގެން އުޅޭ އިތުރު އެއްވެސް މައްސަލައެއްގައި ރައީސް އަބްދުﷲ ޔާމިންގެ ބައިވެރިވުމެއް އޮތް ކަން މިހާތަނަށް އެއްވެސް ގޮތަކަށް ފެނިފައި ނުވާ ކަމުގައިވެސް ވިދާޅުވި އެވެ.