ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ވެރިކަމުގައި ސިފައިންގެ ކޮމާންޑަރަކަށް ހުންނެވި ޖެނެރަލް ސަރަތު ފޮންސޭކާ، ސްރީލަންކާގެ މިހާރުގެ ސަރުކާރުގެ ކެބިނެޓް ވަޒީރެއްގެ ހުވާ ކުރައްވައިފިއެވެ.

ސްރީލަންކާގެ ރައީސް މައިތުރިޕަލް ސިރިސޭނާ، ޖެނެރަލް ފޮންސޭކާ އިސްކުރެއްވީ ރީޖަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ކަމުގެ މަގާމަށެވެ.

ސްރީލަންކާގައި ވަކި ދައުލަތެއް އުފެއްދުމަށް ތަމަޅަ ޓައިގަރުން 30 އަހަރު ވަންދެން ކުރަމުންދިޔަ ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމަކަށް ގެނައިއިރު، ސިފައިންގެ ކޮމާންޑަރަކަށް ހުންނެވީ ފޮންސޭކާއެވެ.

މިދިޔަ އަހަރުގެ ޖެނުއަރީމަހު ސްރީލަންކާގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި މަގާމާ ހަވާލުވެ ވަޑައިގެންނެވިތާ މާގިނަ ދުވަހެއް ނުވެ، ރައީސް ސިރިސޭނާވަނީ، ޖެނެރަލް ސަރަތު ފޮންސޭކާއަށް، ސްރީލަންކާގައި ދެވޭ ސިފައިންގެ އެންމެ މަތީ ޝަރަފް ކަމުގައިވާ ފީލްޑް މާޝަލް އެވޯޑް ދެއްވާފައެވެ.

ސްރީލަންކާގައި، މިދިޔަ އަހަރުގެ އޮގަސްޓްމަހު ބޭއްވި އާންމު އިންތިޚާބުގައި ޖެނެރަލް ފޮންސޭކާވަނީ، ޑިމޮކްރަޓިކް ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަވައިގެން އިންތިޚާބުގައި ވާދަކުރައްވާފައެވެ. ނަމަވެސް، އިންތިޚާބުގައި އެ ޕާޓީއަށް އެންމެ ގޮނޑިއެއްވެސް ކާމިޔާބެއް ނުކުރެވުނެވެ.

އޭގެފަހުން، ވެރިކަންކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީއާއި، ފޮންސޭކާގެ ޑިމޮކްރަޓިކް ޕާޓީއާ ދެމެދު މިމަހުގެ ކުރީކޮޅު ވެވުނު އެއްބަސްވުމެއްގެ ދަށުން، ޖެނެރަލް ފޮންސޭކާވަނީ މިމަހުގެ 9 ވަނަ ދުވަހު ޕާލަމެންޓް މެމްބަރެއް ކަމުގެ ހުވާ ކުރައްވާފައެވެ.