ޓެރަރިޒަމާއި މަނީލޯންޑްރިންގެ މައްސަލަތަކަކާއި ގުޅިގެން ހޯދަން އިއުލާންކޮށްފައިވާ މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް (26އަހަރު) އާއި މ. ލޭންޑްއޮފްގާޑްން، އަޙްމަދު އިޝްފާހް ޢަލީ (27އަހަރު) ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ފަހުގެ ފުރުސަތު ދީފިއެވެ.

މިދެ މީހުންނާއި ގުޅޭގޮތުން ތަހްގީގް ކުރަމުންދާ މައްސަލައާއި ގުޅިގެން ފުލުހަށް ހާޒިރުވުމަށް ފަހުގެ ފުރުސަތު ދީފައިވާކަން ހާމަކޮށްފައިވަނީ ދާދި ދެންމެއަކު ފުލުހުން އާންމުކޮށްފައިވާ ބަޔާނެއްގައެވެ.

ފުލުހުން ބުނީ ތަޙްޤީޤް ކުރަމުންދާ، ޓެރަރިޒަމާއި މަނީލޯންޑްރިންގެ މައްސަލަތަކަކާއި ގުޅިގެން ހޯދަން އިއުލާންކޮށްފައިވާ މީހުންގެ ތެރެއިން މ. ސެސްނާ، މުޙައްމަދު އައްލާމް ލަތީފް (26އަހަރު) އާއި މ. ލޭންޑްއޮފްގާޑްން، އަހްމަދު އިޝްފާހް ޢަލީ (27އަހަރު) ގެ މައްޗަށް ތުހުމަތުކުރެވޭ ޓެރަރިޒަމްގެ މައްސަލައިގެ ތަހްގީގް ނިމިފައިވާއިރު، މިދެމީހުންނަކީ މިހާރުވެސް އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅިގެން ހައްޔަރުކުރުމަށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުން އަމުރު ނެރެ، އަދި އެދެމީހުންގެ މައްޗަށް އިންޓަރޕޯލް ރެޑް ނޯޓިސް ނެރެ ފުލުހުންގެ ތަޙުޤީޤަށް ހޯދަމުންދާ ދެމީހުންކަމަށެވެ.

ފުލުހުން ބުނީ މުޙައްމަދު އައްލާމް ލަތީފް އާއި އަހްމަދު އިޝްފާހް އަލީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅެމުން އަންނާތީ ފުލުހުންގެ ބެލުމުގެ ދަށަށް އައުމަށް އާންމުކޮށް އަންގައި އިއުލާންކޮށްފައި ވީނަމަވެސް މިހާތަނަށްވެސް މިދެމީހުން ފުލުހުންގެ ތަހްގީގަށް ހާޒިރުވެފައިނުވާތީ އާއި މިދެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅިގެން އެދެމީހުންނާ ތަހްގީގަށް ކުރަންޖެހޭ ސުވާލުތައްކުރުމަށާއި އަދި އެދެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދެވޭ ފަހު ފުރުސަތެއްގެ ގޮތުގައި 25 ފެބްރުއަރީ 2016 ވަނަ ދުވަހުންފެށިގެން 14 (ސާދަ) ދުވަސްތެރޭ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހާޒިރުވުމަށް އަންގާކަމަށެވެ.

ޢައްލާމް އަދި އިޝްފާހް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހާޒިރުވުމަށް މިއަދުން ފެށިގެން ދެވޭ 14 (ސާދަ) ދުވަހުގެ ތެރޭގައި ހާޒިރުނުވެއްޖެނަމަ އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަަތަކާއި ގުޅިގެން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ލިބިފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް އެދެމީހުންގެ ގައިރު ހާޒިރުގައި އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަން އެދެމީހުންނަށް އަންގައި އިއުލާނު ކުރާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އައްލާމް އަދި އިޝްފާހުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ރިޔާސީ ލޯންޗުގެ ހާދިސާއާއި ގުޅިގެންނެވެ. އަދި އައްލާމް އަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައިވެސް ތުހުމަތުކުރެވޭ ފަރާތެކެވެ.