މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން ފަލަސްތީނުގެ ޒުވާނުންނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރޭގައި އިސްރާއީލުން ޝަހީދުކޮށްލާފައިވާ ފަލަސްތީނު މީހުންގެ އާއިލާތަކަށް އެތައްހާސް ޑޮލަރެއް ދިނުމަށް އީރާނުން ނިންމުމުން އިސްރާއީލުން ވަރަށް ބޮޑަށް ރުޅިއަތުވެއްޖެއެވެ.
ލުބުނާނުގައި ހުންނަވާ އީރާނުގެ އެމްބަސެޑަރ މުހަންމަދު ފަތަހްއަލީ ވިދާޅުވީ، އިސްރާއީލުން ޝަހީދު ކޮށްލާފައިވާ ފަލަސްތީނު ކޮންމެ މީހެއްގެ އާއިލާއަށް 7000 އެމެރިކާ ޑޮލަރު ދިނުމަށް އީރާނު ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ފަލަސްތީނާއި އިސްރާއީލާ ދެމެދު މިހާރު ހިނގަމުންދާ ކުރިމަތިލުންތައް، އީރާނުގެ އެމްބަސެޑަރ ސިފަކުރެއްވީ "ގުދުސް އިންތިފާޟާ" ގެ ގޮތުގައެވެ.
އިސްރާއީލުން ޝަހީދު ކޮށްލާފައިވާ ފަލަސްތީނު ކޮންމެ މީހެއްގެ އާއިލާއަށް ހަތްހާސް އެމެރިކާ ޑޮލަރު ދިނުމުގެ އިތުރުން، އިސްރާއީލަށް ހަމަލާ ދިންކަމަށް ބުނެ، އިސްރާއީލުން ގެދޮރު ހަލާކުކޮށްލި ފަލަސްތީނުގެ ކޮންމެ އާއިލާއަކަށް 30،000 އެމެރިކާ ޑޮލަރު ދިނުމަށްވެސް ނިންމާފައިވާ ކަމަށް، ބެއިރޫތުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އީރާނުގެ އެމްބަސެޑަރ ވިދާޅުވިއެވެ.
އީރާނުގެ ރަސްމީ ނޫސް އޭޖެންސީ، އިރްނާއިން ބުނެފައިވަނީ، އީރާނުގެ އެމްބަސެޑަރ މުހަންމަދު ފަތަހްއަލީ ވަނީ ބެއިރޫތުގައި، ފަލަސްތީނުގެ ހަމާސް ޖަމާއަތް، އިސްލާމިކް ޖިހާދު އަދި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ މަންދޫބުންނާއި ބައްދަލު ކުރައްވާފައި ކަމަށެވެ.
ފަލަސްތީނުގެ އާއިލާތަކަށް ފައިސާގެ އެހީދޭން އީރާނުން ނިންމި މައްސަލާގައި އިސްރާއީލުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، އީރާނުން "ޓެރަރިޒަމަށް" ހިތްވަރުދޭކަން މިކަމުންވެސް ހާމަވާ ކަމަށެވެ. ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލާގައި އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު ވެވުނު އެއްބަސްވުމަށްފަހު ވެސް، ބައިނަލްއަގްވާމީ ޓެރަރިޒަމް ހިންގުމުގައި އީރާނުން އިސްދައުރެއް ކުޅޭކަމަށް އިސްރާއީލުގެ ޚާރިޖިއްޔާގެ ތަރުޖަމާނު އިމެނުއެލް ނަހްޝަން ބުންޏެވެ.
ޚަބަރު ލިބޭގޮތުގައި، މިމައްސަލާގައި އީރާނުގެ އަމަލު ކުށްވެރި ކުރުމަށް ގޮވާލައި އދގައި ހުންނަ އިސްރާއީލުގެ އެމްބަސެޑަރ ޑެނީ ޑެނޮން ވަނީ އދގެ ސެކްރެޓަރީ ޖެނެރަލް ބަންކީ މޫންއަށްވެސް ސިޓީއެއް ފޮނުވާފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިސްރާއީލުގެ އުދުވާނީ ސިފައިންނާއި ފުލުހުން ފަލަސްތީނުގެ އަލް އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަދެގަތުމާ ގުޅިގެން ފަލަސްތީނުގެ ޒުވާނުންނާއި އިސްރާއީލުގެ ސަލާމަތީ ބާރުތަކާ ދެމެދު ފެށުނު ކުރިމަތިލުންތައް މުޅި ފަލަސްތީނަށް މިހާރު ވަނީ ފެތުރިފައެވެ.
މިކުރިމަތިލުންތަކުގައި އިސްރާއީލުގެ އުދުވާނީ ބާރުތަކުން ހަމަލާދީ މިހާތަނަށް ފަލަސްތީނުގެ 176 މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ގިނައީ ޒުވާނުންނާއި ކުޑަކުދިންނެވެ. ވަޅި، އިސްކުރު ކަށިގަނޑު ނުވަތަ އެޒާތުގެ ތޫނު އެއްޗެއް ހިފައިގެން ހުރި ކަމަށް ބުނެ އިސްރާއީލުން މިހާރުވެސް ގެންދަނީ އެއްވެސް ހައްގަކާ ނުލައި ފަލަސްތީނު މީހުންގެ ގަޔަށް ބަޑިޖަހައި ޝަހީދު ކުރަމުންނެވެ. އިސްރާއީލުގެ ޖަރީމާ ހުއްޓުވަން ބައިނަލްއަގްވާމީ މުޖުތަމައު ވަނީ ނުކުޅެދިފައެވެ.
އިސްރާއީލުގެ އުދުވާނުތަކުގައި ޝަހީދު ކޮށްލާ ފަލަސްތީނު މީހުންގެ އާއިލާތަކަށް 1987 ވަނަ އަހަރުން ފެށިގެން ކޮންމެ މަހަކު އީރާނުން މާލީ އެހީ ދެއެވެ. މިފަހަރު ދޭން އިޢްލާންކުރި ފައިސާއަކީ "ގުދުސް އިންތިފާޟާ" ގެ ނަމުގައި އިތުރަށް ދޭން ހުށަހެޅި އަދަދެވެ.