ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަށް އެންމެނަށް ވެސް ޖާގަ ދިނުމަށް ސީމެގުން ގޮވާލާފައިވާތީ އެމްޑީޕީން އެކަމަށް މަރުހަބާ ކިޔައިފިއެވެ.

ސީމެގުގެ ހުށަހެޅުންތަކަށް މަރުހަބާ ކިޔައި އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ ސީމެގުން ފާހަގަކޮށްފައިވާ ކަންކަމާ މެދު އެޕާޓީން ވެސް ކަންބޮޑުވާ ކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ ހާލަތާއި އިންސާނީ ހައްގުތަކުގެ ދާއިރާއިން ކަންކަން އިސްލާހުކުރުމަށް ދިވެހި ސަރުކާރާ ގުޅިގެން އެ ޖަމާއަތުން މަސައްކަތް ފަށާފައިވާތީ އެކަމަށް ހިތްވަރުދޭ ކަމަށް އެމްޑީޕީން ބުނެއެވެ.

ސަރުކާރުން އިސްކަންދޭންވީ ކަންކަމުގެ ތެރޭގައި ހިމަނާފައިވާ ހުރިހާ ފަރާތްތަކަކަށް ބައިވެރިވެވޭ، ނަތީޖާ ނެރެވޭ މަޝްވަރާތަކަކަށް ތާއީދުކުރާ ކަމަށާއި، އެކަމަށް މަގުފަހިވާ މާހައުލެއް ބިނާކޮށް، އިތުބާރު އުފެއްދުމަށް އެދޭ ކަމަށް އެމްޑީޕީން ބުނެފައި ވެއެވެ.

އަދި ބުނެފައިވަނީ ސިޔާސީ ލީޑަރުން މިނިވަންކޮށް، ރާއްޖެއިން ބޭރުގައި ތިއްބެވި ސިޔާސީ ލީޑަރުންނަށް އެނބުރި ގައުމަށް ވަޑައިގަނެވޭނެ މަގު ތަނަވަސް ކޮށްދިނުމަކީ ބިނާކުރަނިވި މަޝްވަރާތަކެއް ފެށުމަށް އަޅަންޖެހޭ ފިޔަވަޅުތަކެއްގެ ގޮތުގައި ދެކޭ ކަމަށެވެ.

އެމްޕީޕީގެ ބަޔާނުގައި ވަނީ ސީމެގުގެ ގޮވާލުމާ އެއްގޮތަށް ސިޔާސީ ހައްޔަރީން ދޫކޮށްލައި އެންމެނަށް ވެސް ބައިވެރިވެވޭ މަޝްވަރާތަކެއް ބޭއްވުމަށް ސަރުކާރުން މަގުފަހިކޮށްދޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އިއްޔެ ސީމެގުން ވަނީ އެޖަމާއަތުގެ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށް ނިންމާފައެވެ. ނަމަވެސް އިސްލާހު ކުރަން ޖެހޭ ގިނަ ކަންކަން ސަރުކާރަށް ވަނީ ހުށަހަޅާފައެވެ.

އެގޮތުން މާނަވީ ގޮތެއްގައި ހުރިހާ އެންމެންގެ ބައިވެރިވުމާ އެކު، ސަރުކާރުން އިސްނަގައިގެން މަޝްވަރާތައް ފެށުމަށް ވަނީ ގޮވާލާފައެވެ. އަދި ސިޔާސީ ހައްޔަރީން ދޫކޮށްލައި ބޭރުގައި ތިއްބެވި ސިޔާސީ ބޭފުޅުންނަށް ރާއްޖެ އާދެވޭނެ މަގު ފަހިކޮށްދިނުމާއި، އެންމެނަށް ވެސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭނެ ޖާގަ ދިނުމަށް ސީމެގުން ގޮވާލާފައި ވެއެވެ.