ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް މަސައްކަތްކުރުމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ މިނަމުގައި ހާއްސަ ސެންޓަރެއް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް މިއަދު އުފައްދަވައިފިއެވެ.

މި ސެންޓަރުގެ މައިގަނޑު މަސައްކަތަކީ، ޓެރަރިޒަމުގެ ޙަރަކާތްތަކާއި ހައްދުފަހަޅައިދިއުމުގެ ވިސްނުމާ ދެކޮޅަށް ދިވެހިރާއްޖޭގައްޔާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި މަސައްކަތްކުރުމެވެ. އަދި ދިވެހިސަރުކާރުގެ ވުޒާރާތަކާއި، އިދާރާތަކާއި މުވައްސަސާތަކާ ވިލަރެސްކުރައްވައިގެން މިފަދަ ޙަރަކާތްތަކާއި ވިސްނުންތަކާ ދެކޮޅަށް މަސައްކަތްކުރުންކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި ސެންޓަރު މި އުފެއްދެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުންކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

އަދި ޤާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) ގެ 19 ވަނަ މާއްދާގެ ދަށުން، ޓެރަރިޒަމުގެ އަމަލުތަކާގުޅިގެން އެކަންކަން ހުއްޓުވުމަށްޓަކައި ފިޔަވަޅު އެޅުމުގެ އިސްފަރާތަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުކަމަށް ކަނޑައަޅުއްވައި، މި ސެންޓަރު ހިނގަމުންދާނީ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.