(23 ފެބްރުއަރީ 2016 އާ ގުޅޭ)

...އަބްދުއްސައްތާރު ވެސް މަޑުމަޑުން އިނދެ ކައި ނިންމާލާފައި ތެދުވެގެން ސިޓިންރޫމަށް އައެވެ. އެތަނުގައި ޒާހިރާ ނެތުމުން އޭނާ އެ ދިޔައީ ކޮޓަރިއަށްކަން އަބްދުއްސައްތާރަށް ޔަޤީންވިއެވެ. އެހެންވެ އަވަހަށް އައިސް ކޮޓަރިއަށް ވަނެވެ.

"އޭނާގެ ސިކުނޑީގެ މައްސަލައެއް ހުންނަނީހެން މަށަށް ހީވަނީ... ނޫނީ އަހަރުމެން ރުޅި އަރުވަން އަޒުމު ކަނޑައަޅައިގެން އެހެރީ... ބަދަލު ހިފަން ބޭނުންވަނީ ކަންނޭނގެ..." އަބްދުއްސައްތާރު ފެނުމާއެކު ރުންކުރުވެފައި އިން ޒާހިރާ އަޑުހަރުކޮށް ހަރުކަށިކަމާއެކު ބުނެލިއެވެ. ހީވަނީ އަލިފާންފަރުބަދައެއް ގޮވައިގެން އަލިފާންތައް ފައިބަނީ ހެންނެވެ. އަމިއްލަ ރުޅީގެ މައްޗަށް ޒާހިރާގެ އެއްވެސް ބާރެއް ނެތެވެ. އެނދުގައި އިށީނދެ އިނުން ވެސް އޭނާއަށް ފަސޭހައެއް ނޫނެވެ. އެހެންނަމަވެސް މިއަދު އޭނާއަކީ އުމުރުން ދުވަސްވެ ހެލެފެލިވެ އުޅެން އުނދަގޫވެފައިވާ އަންހެނެކެވެ. ރުޅިގަދަވެގެން ހަލާކުވާއިރު ވެސް ފުންމަފުންމައިގެން ދިއުން ފިޔަވާ ކުރެވޭނޭ އިތުރުކަމެއް ނެތެވެ. ދަރިންގެ މައްޗަށް ބާރުފޯރުވޭ ވަރަށް ވުރެ ދަރިން ތިބީ ބޮޑެތިވެފައެވެ.

އަބްދުއްސައްތާރު އައިސް މަޑުމަޑުން ޒާހިރާގެ ކޮނޑުގައި އަތްބާއްވާލަމުން އޭނާގެ ގާތުގައި އިށީނެވެ. އެހިނދު ޒާހިރާ ބަލާލުމުން އަބްދުއްސައްތާރު ދެ ފަރާތަށް ބޯހޫރުވާލިއެވެ.

"ރުޅިމަޑުކުރޭ ޒާހިރާ. އަހަރުމެން އިންސާނުންނަށް މާތް ރަސްކަލާނގެ ބުއްދިދެއްވީ ކަމެއްވެގެންނު، އެ ބުއްދީގެ ބޭނުންކޮށް ތަހުސީނުގެ ހާލާ މެދު ވިސްނާލަބަލަ..."

"ދެން ތިބުނަނީ އަހަރެންގެ ވިސްނުން ގޯހީއޭތަ؟ ކޮންއިރަކުތަ އަބްދުއްސައްތާރަށް ކޮންމެ ގޮތެއް ވަރިހަމަވީ"

ޒާހިރާ އައިސްފައި ހުރި ރުޅި ކުއްލިއަކަށް ފިލުވާލުމަކީ ފަސޭހަކަމެއްނޫންކަން އަބްދުއްސައްތާރަށް ވެސް އެނގެއެވެ. އެހެންވިޔަސް އޭނާގެ އެތައް ވާހަކައަކުން ޒާހިރާ އެންމެފަހުން ޒުވާބުކުރުން ހުއްޓާލައިފިއެވެ. އަދި ހިމޭންވެފައި އިން ގޮތުން ހީވަނީ މިހާރު އޭނާ ވިސްނަނީ ހެންނެވެ. ދެން ވެސް އަބްދުއްސައްތާރު މަސައްކަތް ކުރީ އޭނާއަށް ވިސްނޭ ގޮތާއި ތަހުސީނުގެ ހާލު ޒާހިރާގެ ސިކުނޑިއަށް ވައްދައިދެވޭތޯއެވެ.

"ތަހުސީނުގެ އުޅުން ވިޔާނުދައެއްނޫން. މާޒީގެ ކުށް އަލުން ތަކުރާރުކުރާކަށް މަށެއް ބޭނުމެއްނޫން. އަހަންނާއި ޒާހިރާއަށް މިހާ ދުވަހު އެކުގައި މި އުޅެވުނީ އަހަރުމެން ދެ މީހުންގެ ދެމެދުގައި ވެސް ލޯބި އޮތީމަ. މިހާރު ޒަމާން ވެސް ބަދަލުވެއްޖެ. ދަރިން އެމީހުންގެ ދިރިއުޅުން ބައްޓަން ކުރަނީ މައިންބަފައިން އެދޭ ގޮތަށްވުރެ އެ ކުދިން އަމިއްލައަށް ބޭނުންވާ ގޮތަކަށް. މަޖުބޫރުކޮށްގެން މީހުންނާ ދެވުމެއް ނޯވޭ... ކޮންމެ ކުއްޖަކު އެ ކުއްޖަކު ގަޔާވާ ބައިވެރިއަކު ޚިޔާރުކުރަނީ... ތަހުސީނުގެ ވިސްނުން ބަދަލު ކުރާކަށްނޫން މިހާރު އުޅެންވީ...އަހަރުމެން ބަދަލުވާންވެއްޖެ... ޒާހިރާއަށް ކުރިން ކަމުނުދިޔައީ ތަހުސީނު އިންނަން އުޅުނު ކުއްޖަކީ ރާއްޖެތެރޭ ކުއްޖަކަށްވީމަ. މިފަހަރު އޭނާ ޚިޔާރު އެކުރީ މާލޭ ގެދޮރު ހުރި އަންހެނެއް. ބަލަ ދަރިއަކު ހުއްޓަސް ވާނީ ކީއްތަ؟ ތަހުސީނަށް ރަނގަޅު އަންހެނަކު އޭނާގެ މައިންބަފައިންނަށް ގޯހެއް ނުވާނެ. ޒާހިރާ ތިގެންގުޅޭ އުސޫލުތައް ދޫކޮށްލަން މަށަށްފެންނަނީ... ތި ހުރިހާ ސަކަރާތަކާ ހެދި ތަހުސީނު އަހަރުމެންނާ ވަކިވެގެން ދާކަށް އެއްގޮތަކަށް ވެސް އަހަންނަށް ރުހެވޭނެކަމަށް ޒާހިރާ ހީނުކުރާތި..."

އަބްދުއްސައްތާރާ ދެކޮޅަށް ޒާހިރާ ބުނަން ބޭނުންވި ކިތަންމެ އެއްޗެއް ހުއްޓެއްކަމަކު އޭނާ އެ ހުރިހާ އެއްޗެއް ދިރުވާލިއެވެ. މޫނުމައްޗަށް ވެރިވެފައިވާ ފޫހިކަން ފޮރުވަމުން އިސްޖަހާލައިގެން ޒާހިރާ އިނެވެ. އެހެން އިންއިރު އޭނާގެ ސިކުނޑީގައި އަނެއްކާ ވެސް އައު ޚިޔާލެއްގެ ކުރި ފަޅަން ފަށައިފިއެވެ.

"މައްސަލައެއްނެތް، އެކަމަކު ތަހުސީނު އިނުމުގެ ކުރިން އެ އަންހެން މީހާ ގެއަށް ގެންނަން ޖެހޭނެ. އަދި އަހަރުމެންނާ ބައްދަލުވުމުން އޭނާގެ ގޮތްހުރި ވަރެއް ފެނިދާނެ" ޒާހިރާ ބުނީ ޖެއްސުމުގެ ރާގެއްގައި ވިޔަސް އަބްދުއްސައްތާރު އެކަމާ ރުހުނެވެ.

* * * *

ހިތުގައިވާ ޒަހަމްތަކުގެ ފަރުވާއެއްކަމުގައި ޒޫރިންގެ އަތުތެރޭގައި އޮތް ތުއްތު ދަރިފުޅު ވެއްޖެއެވެ. އެ ހިތުގައި ލޯތްބަށް ޓަކައި ހުސްވެފައިވާ ޖާގަ އެ ތުއްތު ދަރިފުޅު ފުރާލަދީފިއެވެ. ލޯބިން އެ ދަރިފުޅަށް ބަލަން ޒޫރިން އިން ގޮތް އެއްފަރާތުގައި އިން ރޭޝްމާ ބަލަމުން ދިޔައެވެ. އެތަކެއް ޒަމާންތަކަކަށްފަހު ޒޫރިންގެ މޫނުމަތިން ދިރިހުރިކަމުގެ އަސަރު ފާޅުވެފައިވާ ކަހަލައެވެ. އުފާވެރިކަމާއި ހިތްހަމަޖެހުމުގެ ހިނިތުންވުމެއް ޒޫރިންގެ ތުންފަތުންނާއި ލޮލުން ފާޅުވޭވޭ ހުއްޓެވެ.

"މަންމާ! އަޅުގަނޑު މި ދަރިފުޅަށް ޝަމްޢާންގެ ނަން ކިޔަން ނިންމައިފިން" ދަރިފުޅަށް ބަލަން އިނދެ ޒޫރިން ބުނެލިއެވެ.

"އެހެންތަ! ކޮބާ މާނައަކީ؟ ރީން ވަރަށް ވިސްނާފަ ދޯ ތި ނިންމީ" ހިނިތުންވެލައިގެން އިން ރޭޝްމާ ބުނެލިއެވެ.

"ހޫނ...! ޝަމްޢާންގެ މާނައަކީ ވޮށް، މި ދަރިފުޅު އަޅުގަނޑުގެ އަނދިރިވެފައިވާ ދިރިއުޅުން އަލިކޮށްދީފި. އިރާދަކުރެއްވިއްޔާ މި ދަރިފުޅު ވާނީ އެހެންމީހުންނަށް އަލިކަން ފޯރުކޮށްދޭ ދަރިއަކަށް... ހެޔޮގޮތުގައި ސާބިތުވެ ހުންނަ ކުއްޖަކަށް. އެހެންމީހުންނަށް މަގުދައްކައިދިނުމުގައި އަބަދަށް ދިއްލިފައި ހުންނާނޭ ވޮށަކަށް"

ޒޫރިންގެ ވާހަކަތައް އިވިފައި ރޭޝްމާއަށް ދުރަކު ނުހުރެވުނެވެ. ތެދުވެގެން އައިސް ދަރިފުޅުގެ ބޮލުގައި ފިރުމާލާފައި ތުއްތުކުއްޖާގެ މޫނަށް ބަލާލީ ހިނިތުންވެލައިގެން ހުރެއެވެ.

"ޝަމްޢާން... ވަރަށް ރީތި... އެހާމެ ގުޅޭ. ﷲ ދަރިފުޅުގެ ތި އެދުން ޤަބޫލުކުރައްވާ ތެދުކުރައްވާންދޭވެ. އާމީން..." ޒޫރިންއަށް ބަލާލާފައި ތުއްތުކުއްޖާގެ ބޮލުގައި ރޭޝްމާ އަތްޖައްސާލަމުން ދުޢާކޮށްލިއެވެ. އަދި ޒޫރިންއާއެކު ތުއްތުކުއްޖާގެ ހަރަކާތްތައް ގެއްލިފައި ދެ މައިން ތިއްބެވެ.

"ކޮބާ ރެޑީތަ؟" އެތެރެއަށް ވަދެގެން އައި ނާޒިލު އަހާލިއެވެ. އޭރު އޭނާއާއެކު ފައިހަމްގެ އިތުރުން އަންހެންކުއްޖަކު ވެސް އައިސް ހުއްޓެވެ.

"މީ ލުބާ އިނގޭ... ރީން އާއި ބޭބީގެ ފޮޓޯ ނަގައިދޭނީ އޭނަ" ރޭޝްމާ އާއި ޒޫރިން ހައިރާންކަމާއެކު ނާޒިލަށް ބަލަން ފެށުމުން ބުނެލިއެވެ. އެއާއެކު ލުބާގެ އަތުގައި ކެމެރާ އާއި އޭނާގެ ކޮނޑުގައި އަޅުވާފައި އޮތް ދަބަހުގެ ބޭނުން އެމީހުންނަށް އެނގިގެންދިޔައެވެ. ފައިހަމް ވަރަށް ހިނިއައިސްފައި އައިސް ޒޫރިންއަށް މަރުޚަބާ ކިޔަމުން އޭނާގެ އަތުގައި އޮތް ހަދިޔާ ރޭޝްމާއަށް ދިއްކޮށްލިއެވެ. އެއްވެސް އަސަރެއްނެތް ހިނިތުންވުމެއް ފައިހަމްއާ ބަދަލުކޮށްލަމުން ޒޫރިން ޝުކުރުއަދާކުރިއެވެ. ހަޤީޤަތުގައި އޭނާ ހަދިޔާތަކެއް ބޭނުމެއްނުވެއެވެ. އަދި އޭނާއަށް ގޮވާލަން ބަޔަކު އަންނާކަށް ވެސް ބޭނުމެއްނުވެއެވެ. އެ ހިތްހަމަޖެހުމުން އޭނާ އެ އިނީ މަހުރޫމުވެފައެވެ. ދަރިއަކު ލިބުނު ކަމުގައި ވިޔަސް އެ ދަރިފުޅަކީ ކައިވެނީގެ ބޭރުން ލިބިފައިވާ ދަރިއަކަށް ވާތީއެވެ. އެއީ އުފާކޮށް އެކަން ފާހަގަކުރަންޖެހޭ ވަރަށްވުރެ ލަދުވެތިކަމެއްގެ ގޮތުގައި ޒޫރިންއަށް އިހުސާސް ކުރެވޭތީއެވެ.

ފޮޓޯ ނެގުމުގެ ކަންކަން ކުރިއަށް ދަނިކޮށް ތަހުސީނު ވެސް އައިސް ޒޫރިން ބާއްވާފައި އޮތް ކޮޓަރިއަށް ވަދެއްޖެއެވެ. ޑޮކްޓަރު އައުމުގެ ކުރިން ފޮޓޯނެގުމުގެ ކަންކަން ނިންމާލުމަށް ތަހުސީނު ޚިޔާލު ފާޅުކުރިއެވެ. އެތަނުގައި ތިބި ކޮންމެ މީހަކު ވަކިވަކިން ޒޫރިންއާއެކު ފޮޓޯނެގިއެވެ. ލުބާ ގެނައި ބޭނުން ފުރިހަމަވުމުން އޭނާ އެނބުރި ދިޔައީ ފައިހަމްއާއެކުއެވެ. ފޮޓޯތައް ހަވާލުކުރަން ނާޒިލަށް ގުޅާނަން ކަމުގައި ބުނެފައެވެ.

ރޭގަނޑު ހަތެއްޖެހިފަހުން ޑޮކްޓަރު އައިސް ޒޫރިން އާއި ކުޑަދަރިފުޅުގެ ހާލު ބެލިއެވެ. ހުރިހާ ކަމެއް ރަނގަޅުކަމުގައި ޑޮކްޓަރަށް ފާހަގަކުރެވުނެވެ. ނަމަވެސް ފަޅާފައިވާ ސަރަހައްދު ރަނގަޅުވަންދެން އަރާމުކުރުމަށް ޒޫރިންއަށް ނަޞޭޙަތްތެރިވިއެވެ. ތަހުސީނު އިސްވެ ޑޮކްޓަރާ ވާހަކަދެއްކީ ރޭޝްމާ އޭނާގެ އަތުގައި ހިފާ އެކަމަށް އެދޭ ވަރުންނެވެ. ޒޫރިން ގެއަށް ފޮނުވާލާނޭ ދުވަހެއް އޮޅުން ފިލުވަން ރޭޝްމާ ބޭނުންވަނީއެވެ. ޒޫރިންގެ ހާލު ރަނގަޅު ނަމަ މާދަމާގެ ވަގުތެއް ގެއަށް ފޮނުވާލެވިދާނެކަމުގައި ޑޮކްޓަރު ވިދާޅުވިއެވެ.

ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރޭގައި ޒޫރިން އާއި ތުއްތުކުއްޖާ އަރާމު ނިންޖަކުން ނިދިފައި އޮތެވެ. ކިތަންމެ ކުޑަކުޑަ އަޑެއް ވެސް ލައްވާލަން ބޭނުންނުވެގެން ތަހުސީނު އިންތަނުން ތެދުވެ ރޭޝްމާގެ އަތުގައި ހިފައިގެން ކޮޓަރިން ނުކުތެވެ. އަދި ދޮރުމަތީ މަޑުކޮށްލައިގެން ތިބެ ވާހަކަދައްކަން ފެށިއެވެ. ވަރަށް އަވަހަށް ކައިވެނި ކުރަން ބޭނުންވާކަމުގައި ތަހުސީނު ބުންޏެވެ. ރޭޝްމާގެ ޚިޔާލު ހުރީ ޒޫރިންއަށް ތެދުވެ އުޅެވެންދެން އިހަށް ކައިވެނި ލަސްކުރުމަށެވެ. ނަމަވެސް ތަހުސީނުގެ ޚިޔާލު މުޅިން ތަފާތެވެ.

"އެ ދަރިފުޅަށް އަދަބުލިބޭނެކަން އަހަންނަށް ޔަޤީންވާއިރު، އެ ދުވަސް ޖެހެންވާއިރަށް އަހަރެން ބޭނުންވަނީ ރޭޝްއާ ކައިވެނިކޮށްގެން ހުންނަން. އެ ދަރިފުޅުގެ ބައްޕައަކީ އަހަރެންކަން އެހެންމީހުންނަށް އެނގެން. ލިޔުމުގައި ކޮންމެ އެއްޗެއް އޮތްކަމުގައި ވިޔަސް އެކަމެއް ހުރިހާ އެންމެންނަކަށް ނޭނގޭނެ. އެވަގުތު އަހަރެން ރޭޝްއާއެކު ހުންނާނީ ރޭޝްގެ ފިރިމީހާގެ ހައިސިއްޔަތުންނާއި ރީންގެ ބައްޕަގެ ގޮތުގައި. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް އަހަރެންގެ ފަރުވާލެއްނެތް"

ތަހުސީނުގެ ވާހަކަ އިވުމުން އިތުރަށް ރޭޝްމާއަށް ބުނާނޭ އެއްޗެއް ނޭގުނެވެ. އޭނާ އެ ވާހަކަދެއްކީ ވަރަށް ވިސްނާފައިކަން ރޭޝްމާއަށް ޔަޤީންވެއެވެ. ރޭޝްމާގެ އަމިއްލަ ޟަމީރު ވެސް އެ ވަގުތު ގޮވާލީ ތަހުސީނު އެ އެދޭ ގޮތަށް ކަންތައް ކުރުމަށެވެ. އެ ދެމީހުންގެ ކައިވެނި އަވަސްކުރުމަށެވެ. އެކަމާ ޒޫރިންގެ އެއްވެސް މައްސަލައެއް ނޯންނާނޭކަން އެނގޭއިރު ވެސް ރޭޝްމާ ބޭނުންވީ ޒޫރިންގެ ގާތުގައި އެ ވާހަކަދައްކާލުމަށެވެ.

* * * *

ޗުއްޓީގައި ހުރުމަށްފަހު އޮފީހަށް އީތަން ނުކުތުމުން ވެސް އޭނާގެ ފަރާތުން ނުފައިލު ހީކުރި ފަދަ ޖޯޝާއި ދިރުމެއް ނުފެނުނެވެ. މަސައްކަތަށް އަސަރެއް ނުކުރި ކަމުގައި ވިޔަސް އީތަން ފެންނަނީ މާޔޫސްވެފައިވާ މީހަކު ހެންނެވެ. މޫނުމަތިން ގިނަ ވަގުތު ފެންނަނީ ނުތަނަވަސްކަމެވެ. އެހެންނަމަވެސް އީތަންގެ ޒާތީކަމަކާ ސުވާލުކުރާކަށް ނުފައިލު ބޭނުމެއްނުވިއެވެ. އަނެއްކޮޅުން އޭނާގެ މަސައްކަތުގައި ފަރުވާ ކުޑަކުރުމެއް ނުހުންނާތީއާއެކު ވެގެން އުޅޭ ގޮތެއް އީތަން އަމިއްލައަށް ފެނިގެން ޚިއްޞާ ކުރަންދެން ނުފައިލު މަޑުކުރީއެވެ.

"މިއަދަށް ނިންމާލީތަ؟" ލިޔުންތަކެއް ހިފައިގެން އީތަން އައިސް ނުފައިލުގެ ކެބިންއަށް ވަނުމުން އަތުކުރީ އޮތް ގަޑިއަށް ނުފައިލު ބަލާލާފައި ބުނެލިއެވެ.

"ލައްބަ. މީ އާލީ މޯނިންގއަށް ބޭރުކުރަން ޖެހޭ ލިޔުންތައް... ދެން އަޅުގަނޑު ގޮސްލީއޭ..."

"އޯކޭ..." ނުފައިލު މިހެން ބުނެ ބޯޖަހާލިއެވެ. އޭރު އޭނާގެ މޭޒުމަތީ ހުރި ޓްރޭއަކަށް ލިޔުންތައް ލާފައި އީތަން އެ ކެބިންއިން ނުކުންނަން ހިނގައިގަނެއްޖެއެވެ.

"އޭތް! ކޮންތާކަށް ދާންވީ؟" އޮފީހުން ނުކުމެ ޕާކިން ޒޯނުން ނެރުނު ސައިކަލަށް އަރާ ދުއްވާލުމުގެ ކުރިން ޝައުންއަށް ގުޅައިގެން ހުރެ އީތަން އަހާލިއެވެ. އިތުރު އެއްޗެއް ނުބުނެ އީތަން ފޯނުކޯލު ކަނޑާލާފައި ފަޓުލޫނު ޖީބަށް ފޯނުލީ އޭނާ ކުރި ސުވާލަށް ޖަވާބު ލިބުނީމަކަން ޔަޤީނެވެ. އަދި ސައިކަލު އިސްޓާޓުކޮށްލީ ދާންވީ މަންޒިލު ރަނގަޅަށް އެނގި ހުރެއެވެ.

"ހާދަ ލަސްވީ؟" ރެސްޓޯރެންޓުގެ މަތީ ފަންގިފިލާގެ އެއްފަރާތު ކަނެއްގައި ހުރި މޭޒުގެ ދޮށުގައި އިން ޝައުންގެ ގާތަށް އީތަން އައުމާއެކު އޭނާ ބުނެލިއެވެ.

"ޓްރެފިކްއާ ހެދި... މަގުތައް ހާދަ ބާރުބޮޑޭ..." ގޮނޑި ދަމާލާފައި އިށީންނަމުން އީތަން ބުނެލިއެވެ.

"ހޫން! ތިއެއްނޫނޭ... އެނގޭތަ؟ މިކޮޅަށް އަންނަން އުޅެނިކޮށް ވަރަށް ކަޑަ ޚަބަރެއް ލިބިގެންނޭ އަވަސްކުރާށޭ ބުނީ... މަށަށް ތަހުސީނު ދޮންބެއާއެކު ލިފްޓަށް އެރުނީމަ ބުނިއެއްޗެއް... ލިފްޓު ދޮރުގައި ހިފެހެއްޓީމާ މަށަށް ކިހިނެއް ކެރޭނީ އެތެރޭގައި ހުރެފައި ނުކުންނަން..." ފޫހިވެފައި އިނދެ ދެފަރާތަކަށް ބޯހޫރަމުން ޗުސްކަނޑަމުން ޝައުން ވާހަކަދެއްކިއެވެ.

"ބުނި އެއްޗެއް ބުނަބަލަ.... މަށާ ދިމާއަށް ދޯ ބުނީ..." އީތަން އަވަހަށް އަހާލިއެވެ.

"އާން! ބުނީ... ބުނީ އީތަން އެއްބަސްނުވިޔަސް މި ދުނިޔެއަށް އީތަންގެ ފިރިހެން ދަރިފުޅު އުފަންވެއްޖެޔޯ... އޭޑީކޭގައި އޮތް ވާހަކަ ވެސް ބުނި. ކޮޓަރީގެ ނަންބަރު ވެސް ބުނި... މަ ހާސްވެފައި ހުރި ވަރުން ގެއިން ނުކުންނަން ވާއިރަށް ހަނދާން ނެތިއްޖެ"

"ރީން ވިހެއީތަ؟ ފިރިހެންކުއްތަ؟... ކޮންއިރަކު؟...." ކުއްލިއަކަށް އީތަންގެ ޠަބީޢަތް ބަދަލުވެއްޖެއެވެ. ހިތްހަމަނުޖެހުމާއި ލިބިފައި ހުރި ނުތަނަވަސްކަމުގެ ތެރެއިން އެހެންކަމެއް ފާޅުވާން ފެށިއެވެ. ބޭއިޚްތިޔާރުގައި މޭޒުމަތީ ބާއްވާލި ފޯނުން ޒޫރިންއާއެކު ނަގާފައިވާ ފޮޓޯ ގަނޑު ހޯދާލުމަށްފަހު ބަލަހައްޓައިގެން އިނެވެ. (ނުނިމޭ)