ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) ގައި އަސްކަރީ ކޯޓެއް އުފެއްދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ސިފައިންނާއެކު ރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ދިވެހި އަސްކަރިއްޔާ ތަރައްގީކުރެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން، އިތުރު ހެލިކޮޕްޓަރަކާއި މަތިންދާ ބޯޓް ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
މިނިސްޓަރު އާދަމް ސަރީފް ވިދާޅުވީ "ސިފްކޯ ހިޔާ" 300 ފްލެޓްގެ މައްސައްކަތް އަލުންފެށިގެން ކުރިއަށްދާކަމަށެވެ. އަދި އެމަސައްކަތް ކުރިއަށްގެންދިއުމުގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރެއްވިކަމަށް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
" ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ފްލެޓްތަކުގެ މަސައްކަތް ނިމޭނެ" އެކަމަށް އުންމީދުކުރަން" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ވިދާޅުވީ ސިފައިންގެ މީހެއްގެގޮތުގައި ހުވާކުރުމަށް ފަހު ކޮންމެކަމެއްވެސް ކުރަންވާނީ ހުށިޔާރުކަމާއެކު އެންމެ ފުރިހަމަކޮށް ކަމށެވެ.. އަދި ސިފައިން އަބަދުވެސް ދެމިތިބެން ވާނީ ދީނީ އަދި ގައުމީ ވާޖިބު އަދާކުރުންމަތީކަމުގައި ކަމަށް ޝިޔާމް ވިދާޅުވިއެވެ.