ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތަކުގައި ޕީޕީއެމުން ބައިވެރިވާނީ އެޕާޓީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކަމަށް ކަނޑައަޅައިފިއެވެ.

ޕީޕީއެމުން މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން ކަނޑައެޅީ ބުދަ ދުވަހުގެ ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ނިންމާފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު މަޝްވަރާތަކުގައި ބައިވެރިކުރުމަށެވެ. މިގޮތަށް ނިންމީ ކައުންސިލަށް ނަންތަކެއް ހުށަހަޅައި ވޯޓު ނަގައިގެންނެވެ.

ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު އަލުން މަޝްވަރާ ފެށުމަށް ނިންމައި އެކަން އިއުލާންކުރީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެގޮތުން ޕީޕީއެމް، އެމްޑީއޭ، އެމްޑީޕީ، ޖޭޕީ، އަދާލަތު ޕާޓީ އަދި ޑީއާރުޕީއަށް ވަނީ މަޝްވަރާތަކުގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.

މަޝްވަރާތަކުގައި ސަރުކާރު ތަމްސީލް ކުރައްވާ މަންދޫބުންގެ ގޮތުގައި ކަނޑައަޅާފައިވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާއި، ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރާއި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ މާޗު ދެވަނަ ދުވަހު މަޝްވަރާ ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި އިދިކޮޅު އެމްޑީޕީއާއި އަދާލަތު ޕާޓީން ވެސް މަޝްވަރާތަކުގައި ބައިވެރިވުމަށް ނިންމައި ލިޔުމުން އެކަން އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީއާއި އަދާލަތު ޕާޓީން ވަނީ އެކަން ދޮގުކޮށްފައެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީން ބުނެފައިވަނީ މަޝްވަރާތަކުގައި ބައިވެރިވާން އަދި ނުނިންމާ ކަމަށާއި އެފަދަ އެއްވެސް ލިޔެކިޔުމެއް ވެސް ހުށަހަޅާފައި ނުވާނެ ކަމަށެވެ. އަދި ސިޔާސީ ލީޑަރުން މިނިވަންކުރުމުން ނޫނީ މަޝްވަރާއަށް ނުދާނެ ކަަމަށް ވެސް އެ ދެޕާޓީން ބުނެފައި ވެއެވެ.

ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި މަޝްވަރާކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ ގައުމާއި ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންކަމުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތް ކުރުމާއި، ޑިމޮކްރެޓިކް ނިޒާމް އިތުރަށް ހަރުދަނާކޮށް ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ފެންވަރަކަށް ރާއްޖޭގެ ގާނޫނީ، ދުސްތޫރީ އަދި ޝަރުއީ ނިޒާމުގެ ކަންކަން އިސްލާހުކުރުމާއި އަދި ޕޮލިޓިކަލް ރިކޮންސިލިއޭޝަނެއް ގާއިމްކުރުމަށް ސިޔާސީ ގޮތުން އުފެދިފައި ހުރި ޚިޔާލު ތަފާތުވުންތަކާ ގުޅޭ ގޮތުން ގާނޫނީ ނިޒާމްގެ ތެރެއިން ހައްލުތަކެއް ހޯދުމާއި، ރައްޔިތުންގެ އެއްބައިވަންތަކަން އިތުރުކުރުމަށް މަސައްކަތް ކުރުމެވެ.