ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާ ފަސް ބާވަތެއްގެ ޗޮކްލެޓުގެ ވަކި ބެޗްތަކެއް ނުވިއްކަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން އަންގާފައިވަނީ މާސް، މިލްކީވޭ، ސްނިކާސް، ސެލިބްރޭޝަން އަދި މިނީ މިކްސް، މިފަސް ބާވަތުގެ ޗޮކްލެޓް ބާޒާރުން ނެގުމަށާއި އެތަކެތި ނުވިއްކުމަށެވެ.

އެ އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ނެދަލެންޑްގެ ކުންފުންޏެއް ކަމަށްވާ މާސް ނެދަލެންޑް ބީވީގައި އުފައްދާފައިވާ ޗޮކްލެޓް ކަމަށްވާ ސެލިބްރޭޝަންސް އަދި މާސް ޗޮކްލެޓުގެ ތެރެއިން 7 އޯގަސްޓް 2016 އިން 16 އޮކްޓޯބަރު 2016 އަށް މުއްދަތު ހަމަވާ ޗޮކްލެޓްތައް ނުވިއްކުމަށެވެ.

އަދި ސްނިކާސްގެ ތެރެއިން 3 ޖުލައި 2016 އިން 21 އޮކްޓޯބަރު 2016 އަށް މުއްދަތު ހަމަވާ ޗޮކުލެޓްތަކާއި، މިލްކީވޭގެ ތެރެއިން 4 ސެޕްޓެމްބަރު 2016 އިން 8 ޖެނުއަރީ 2017 އަށް މުއްދަތު ހަމަވާ ޗޮކުލެޓްތައް ނުވިއްކުމަށް އަންގާފައި ވެއެވެ. މީގެ އިތުރަށް މިނީ މިކްސް ޗޮކުލެޓުގެ ތެރެއިން 10 ޖުލައި 2016 އިން 18 ސެޕްޓެމްބަރު 2016 އަށް މުއްދަތު ހަމަވާ ޗޮކުލެޓްތައް ވެސް ނުވިއްކުމަށް މިބަޔާނުގައި ވަނީ އަންގާފައެވެ.

މި އުފެއްދުންތައް ޕްލާސްޓިކް "ފްރެގްމެންޓްސް" އިން ތަޣައްޔަރުވުމުގެ ފުރުސަތު އޮތް ކަމަށް ވާތީ މިތަކެތި ބާޒާރުން އަނބުރާ ނަގަމުންދާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ފޯ ފުޑް އެންޑް ފީޑް އިން މިހާރު ދީފައިވާ ކަމަށްވެސް އެމްއެފްޑީއޭއިން ނެރުނު ބަޔާނުގައި ވެއެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން މި އުފެއްދުންތައް އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަންގާފައިވާ އިރު މި އުފެއްދުންތައް ވިއްކަން ހުރިނަމަ ބާޒާރުން ނެގުމަށްފަހު އެ މައުލޫމާތު އެ އޮތޯރިޓީއާ ހިއްސާ ކުރުމަށް ވެސް ވަނީ އެދިފައެވެ.