ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތަކުގައި ޑީއާރުޕީން ބައިވެރިވާނެ މަންދޫބުން ކަނޑައަޅައިފިއެވެ.
ވީނިއުސްއިން ދެންނެވި ސުވާލަކަށް ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވީ މަޝްވަރާތަކުގައި ބައިވެރިވުމަށް އެޕާޓީން ކަނޑައެޅީ އޭނައާއި ޕާޓީގެ ކައުންސިލް މެމްބަރު ޑރ. ހާމިދު ރަޝީދު ކަމަށެވެ.
ނަޝީދު ވިދާޅުވީ މިގޮތަށް ނިންމީ އެޕާޓީގެ ކައުންސިލުން ކަމަށެވެ. އަދި މި ނިންމުން ސަރުކާރަށް މިހާރު އަންގާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އޭނަ ވިދާޅުވީ ހުރިހާ ޕާޓީތަކެއް ބައިވެރިވެގެން މަޝްވަރާއަށް ދިއުމަކީ މިވަގުތަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ޑީއާރުޕީގެ ބައިވެރިވުން މަޝްވަރާތަކުގައި އޮތުމަކީ ވެސް މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށެވެ.
"ޑީއާރުޕީއަކީ 30 އަހަރު ވެރިކަން ކުރި ޕާޓީ. އެމްޑީޕީއާއި ޕީޕީއެމްގެ ވިސްނުން ބެލެންސް ކުރެވެން އެބަޖެހޭ. ޑީއާރުޕީއަކީ އެއްވެސް އިރަކު އެމްޑީޕީއާއެކު ވެސް އަދި ޕީޕީއެމްއާ އެކު ވެސް މަސައްކަތް ކުރި ބައެއް ނޫން. އެހެންވީމަ އެ ދެ ޕާޓީގެ ވިސްނުން ބެލެންސް ކުރުމަށް ޑީއާރުޕީއަށް މުހިންމު ދައުރެއް އަދާކުރެވިދާނެ" ނަޝީދު ވިދާޅުވިއެވެ.
ކާނަލް ވިދާޅުވީ ޑީއާރުޕީއަކީ ބަޔަކާ ނުގުޅި އެކަނި ހާލައިގެން އުޅޭ ޕާޓީއެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެޕާޓީން މަސައްކަތް ކުރާނީ އެގޮތުގައި ކަމަށެވެ. އަދި ރާއްޖެއަށް ތިންވަނަ ފިކުރެއް ބޭނުންވާއިރު ޑީއާރުޕީ ކުރިއަށްދާނީ އެގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން މިހާތަނަށް ކަނޑައަޅައި އެކަން އިއުލާންކޮށްފައިވަނީ ޑީއާރުޕީއާއި ޕީޕީއެމުން އެކަންޏެވެ. ޕީޕީއެމުން ބުނީ އެޕާޓީން ބައިވެރިވާނީ ޕާޓީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކަމަށެވެ.
މަޝްވަރާތަކުގައި ސަރުކާރު ތަމްސީލް ކުރައްވާ މަންދޫބުންގެ ގޮތުގައި ކަނޑައަޅާފައިވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާއި، ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރާއި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.