ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޖުމްހޫރީ ޕާޓީންވެސް ބައިވެރިވާނެ ކަަމަށާއި ވަރަށް އަވަހަށް މަންދޫބުން ކަނޑައަޅާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވީނިއުސްއަށް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ގައުމުގެ ހަމަޖެހުމާއި ރައްޔިތުންގެ މަންފާއަށް އިސްކަންދޭ ޕާޓީއެއް ކަމަށާއި އެހެންކަމުން މިފަހަރުވެސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އެޕާޓީން ބައިވެރިވާނެ ކަމަށެވެ.
ނަމަވެސް ސަމީރު ވިދާޅުވީ މަޝްވަރާގައި ބައިވެރިވާނެ މަންދޫބުންނާއި އެޕާޓީން މަޝްވަރާއަށް ހުށަހަޅާނެ ކަންކަން އަދި ކަނޑަނާޅާ ކަމަށެވެ. އެކަންކަން ނިންމާނީ ޕާޓީގެ ކައުންސިލުން ކަމަށް ވިދާޅުވިއެވެ.
"ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން އެކަމުގައި ގޮތެއް ނިންމާނީ. ވަރަށް އަވަހަށް ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުން ބާއްވައި ގޮތެއް ނިންމޭނެ" ސަމީރު ވިދާޅުވިއެވެ.
ޖޭޕީއަކީ ސަރުކާރުން މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފެށި މަޝްވަރާތަކުގައި ވެސް އެންމެ ފުރަތަމަ ބައިވެރިވި ޕާޓީއެވެ. އެގޮތުން އެޕާޓީއާއެކު ސަރުކާރުން ދެ ބައްދަލުވުމެއް ބޭއްވިއެވެ.
އެ ބައްދަލްވުންތަކުގެ ނަތީޖާވެސް ރަނގަޅު ކަމަށް ދެ ފަރާތުން ބުނެފައިވާއިރު ޖުމްހޫރީ ޕާޓީން ވަނީ މަޝްވަރާތަކުގައި ސަރުކާރަށް ކަންތައްތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ހައްޔަރުކުރެވިފައިވާ ސިޔާސީ ބޭފުޅުންނަށް ލުޔެއް ދިނުމަށާއި، އިދިކޮޅު ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ކަންކަމުގައި ހޯދުމަށް ހުށަހެޅިއެވެ.
މީގެ އިތުރަށް މިނިވަންކަމާއެކު ޝަރުއީ ދާއިރާ ކުރިއަށް ގެންދިއުމަށާއި ވިޔަފާރިވެރިންނަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމަށާއި ގާނޫނުއަސާސީއާއި ގާނޫނުތަކަށް ބަދަލު ގެންނައިރު ސިޔާސީ ޕާޓީތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްވެސް ޖޭޕީން އޭރު ހުށަހެޅިއެވެ.
ސިޔާސީ ޕާޓީތަކާއެކު އަލުން މަޝްވަރާ ފެށުމަށް ނިންމައި ސަރުކާރުން ވަނީ ޕީޕީއެމްއާއި، އެމްޑީއޭއާއި، އެމްޑީޕީއާއި، ޖޭޕީއާއި، އަދާލަތު ޕާޓީއާއި، ޑީއާރުޕީއަށް ދައުވަތު ދީފައެވެ. މަޝްވަރާތަކުގައި ބައިވެރިވާނެ މަންދޫބުން މިހާތަނަށް ކަނޑައަޅައި އެކަން އިއުލާންކޮށްފައިވަނީ ޑީއާރުޕީއާއި ޕީޕީއެމުން އެކަންޏެވެ.
ޕީޕީއެމުން ބުނީ އެޕާޓީން ބައިވެރިވާނީ ޕާޓީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކަމަށެވެ. ޑީއާރުޕީން ބުނެފައިވަނީ އެޕާޓީން ބައިވެރިވާނީ ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ކައުންސިލް މެމްބަރު ޑރ. ހާމިދު ރަޝީދު ކަމަށެވެ.