ކުޅުގެ ޒަރިއްޔާއިން ޖެހޭ އެއްވެސް ބައްޔެއް ހުރިތޯ ޓެސްޓްކުރުމަށް ހޮސްޕިޓަލްއަށް ވަޑައިގަތުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ ކިބައިން އެދިވަޑައިގެންފިއެވެ.

ނިހާން މިކަމަށް އެދިވަޑައިގެންފައިވަނީ މި ހަފްތާގެ ބުދަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ނިހާންގެ މޭޒާ ގާތްވި ވަގުތު ނިހާން މޭޒުގައި ހުރި ފެންތަށިން ފެން ހިއްޕަވައި އެފެން ރޮޒައިނާގެ މޫނަށް ޖައްސެވުމާއި ގުޅިގެން ނިހާންގެ ގައިގައި ކުޅުގެ ޒަރިއްޔާއިން ޖެހޭ އެއްވެސް ބައެއްޔެއް ހުރިތޯ ޔަގީންކުރުމަށް ކޯޓު މެދުވެރިކޮށް ނިހާންގެ މެޑިކަލް ރިޕޯޓް ހޯއްދަވާނެ ކަމަށް ރޮޒައިނާ ވިދާޅުވުމާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ނިހާން ވިދާޅުވީ ކުޅުގެ ޒަރިއްޔާއިން ޖެހޭ އެއްވެސް ބައްޔެއް ހުރިތޯ ޓެސްޓްކުރުމަށް އައިޖީއެމް ހޮސްޕިޓަލްއަށް ވަޑައިގަތުމަށް މިއަދު ރޮޒައިނާއަށް ދައުވަތު ދެއްވާކަމަށެވެ.

މިކަމަށް އެދިވަޑައިގެން ނިހާން ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވަމުން މެންބަރު ރޮޒައިނާ ވިދާޅުވީ ނިހާނާއެކު ހޮސްޕިޓަލަށް ވަޑައިނުގަންނަވާނެކަމަށެވެ.

އަދި އައިޖީއެމްއެޗަށް ދާންނުޖެހޭކަމަށާ އެންމެ ފަހުން ނިހާން ފަރުވާ ހޯދާފައިވަނީ އޭޑީކޭއިންނާއި އިންޑިއާއިންކަމަށްވާތީ އެ ތަންތަނުން ހަދާފައިވާ ޓެސްޓްތަކުގެ ނަތީޖާ ދޭންޖެހޭނެކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ބުދަ ދުވަހު ބޭއްވި ޖަލްސާގައި ނިހާންގެ އަނގައިން ރޮޒައިނާގެ މޫނަށް ފެން ޖެއްސެވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އެކަމަށް އަމާޒްވެފައެވެ. ޚާއްސަކޮށް އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރައްވާ ބައެއް ޖަމިއްޔާތަކާއި، ސިޔާސީ ޕާޓީތަކުގައި އިސް ސަފުން ފެންނަމުންދާ އަންހެނުން ކަނބަލުން ވަނީ އެ އަމަލްކުށްވެރިކުރައްވާފައެވެ.

މަޖިލީހުގެ ޖަލްސާގައި މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް ނިހާންގެ މޭޒާ ގާތްވި ވަގުތު ނިހާން މޭޒުގައި ހުރި ފެންތަށިން ފެން ހިއްޕަވައި އެފެން ރޮޒައިނާގެ މޫނަށް ޖައްސެވުމާއިއެކު ރޮޒައިނާވެސް ވަނީ މޭޒްމަތީގައި ހުރި ފެންތައްޓެއް ނިހާންގެ ގައިކޮޅަށް ޖައްސަވާފައެވެ.

ޖަލްސާއަށްފަހް ނިހާން ވިދާޅުވީ ފެންބުއީ ކޮށިއަރައިގަތުމުން ކަމަށާއި، ފެންބުރުވާލަން ޖެހުނީ ކުރިމަތީގައި ހުރެ ރޮޒައިނާ ޖެއްސި ވައްތަރުން އިތުރަށް ކޮށިއެރުމުން ކަމަށެވެ.

އަދި ފަހުން ނިހާން ވަނީ ކޮށިއެރުމުން ރޮޒައިނާގެ ގަޔަށް ފެން ބުރައިގެން ގޮސްފައިވާނަމަ މައާފަށް އެދޭކަމަށް ވިދާޅުވެފައެވެ. މި ހާދިސާއާއި ގުޅިގެން މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ހޫނުވެ ބައެއް މެންބަރުންގެ މެދުގައި ވަނީ ހަމަނުޖެހުންތަކެއްވެސް ހިނގާފައެވެ. އަދި އެދުވަހުގެ ޖަލްސާވެސް ކުރިއަށް ނުގެންދެވި ހުއްޓާލަން ވަނީ ޖެހިފައެވެ.