ޓެރަރިޒަމްގެ ކުށް ސާބިތުވާކަމަށް ނިންމާ ޖަލަށްލާފައިވާ އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބުދުﷲގެ މައްޗަށް އިއްވި ބާރަ އަހަރުގެ ޖަލު ހުކުމް އަންނަ އާދިއްތަ ދުވަހު އިސްތިއުނާފަށް ހުށައަޅަން ނިންމައިފިއެވެ.

ޝައިޚް އިމްރާންގެ ގާނޫނީ ޓީމުން ބުނީ މިހާތަނަށް އިމްރާންގެ މައްޗަށް އިއްވުނު ހުކުމް އިސްތިއުނާފަށް ހުށަނޭޅި ލަސްވީ ކްރިމިނަލް ކޯޓުން ނިންމު ނިންމުމުގެ ލިޔުންތައް ނުލިބޭތީކަމަށެވެ.

ނަމަވެސް މިހާރު ކޯޓުން އިއްވި ހުކުމްގެ ލިޔުންތައް ލިބިފައިވާތީ ޖުމްލަ ބާރަ ނުކުތާއެއްގެ މައްޗަށް ރިޔާއަތްކޮށް އެ ހުކުމް އިސްތިއުނާފްކުރުމަށް އާދިއްތަ ދުވަހު ހުށައަޅާނެކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އޭނާ 12 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ފެބުރުއަރީ މަހުގެ 16 ވަަނަ ދުވަހުގެ ރޭއެވެ.

އިމްރާންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީން އިންތިޒާމުކޮށްގެން މާލޭގައި ކުރިއަށް ގެންދިޔަ ބޮޑު އެއްްވުމުގައި ހިނގާދިޔަ ބޮޑެތި ހަމަނުޖެހުންތަކާއި ގުޅިގެންނާއި އެ މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް އިމްރާން ދެއްކެވި ކަމަށް ބުނާ ވާހަކަތަކާއި ގުޅިގެންނެވެ.

ދައުލަތުން ބުނީ އެދުވަހުގެ މުޒާހަރާގައި ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުނީ އެދުވަހު އިމްރާން ދެއްކެވި ވާހަކަތަކާއި ގުޅިގެން ކަމަށެވެ.

އެކަމަކު މުޒާހަރާގައި ހަމަނުޖެހުން ހިންގަން އެއްވެސް ފަރާތަކަށް އިމްރާން އިރުޝާދު ދެއްވާފައިވާ ކަން އިނގޭ ފަދަ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައެއް ނުވެއެވެ.

ދައުލަތުގެ ދައުވާއަށް އިމްރާން ވަނީ ޝަރީއަތް ފެށުނު ދުވަހުން ފެށިގެން އިންކާރުކުރައްވާފައެވެ.

އިމްރާނަށް ބާރަ އަހަރުގެ ޖަލު ހުކުމްކުރި އިރު މިދިޔަ މެއި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިމްރާން ހުރީ ހައްޔަރުކޮށްފައެވެ.

އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ދައުލަތުން އުފުލީ މިދިޔަ އަހަރުގެ މެއި މަހުގެ 31 ވަނަ ދުވަހުއެވެ.

އިމްރާންގެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓް ހިންގުމާ މިވަގުތު ހަވާލުވަޑައިގެން ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފެވެ.