ސަރުކާރުގެ ތައުލީމީ ސިޔާސަތު ހާމަކުރައްވައި އޭގެ މައުލޫމާތު ހިއްސާކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް އދ. އަތޮޅަށް ކުރައްވާ ޒިޔާރަތުގައި އެ އަތޮޅުގެ 4 ރަށަކަށް މިއަދު ޒިޔާރަތްކުރައްވައިފި އެވެ.

އިއްޔެ ހަވީރުން ފަށައިގެން ތިން ދުވަހުގެ މުއްދަތަށް އދ. އަތޮޅަށް ކުރައްވާ ޒިޔާރަތުގައި މިއަދު އެކަމަނާ ވަޑައިގެންފައިވަނީ އޮމަދޫ ސުކޫލަށާއި، ކުނބުރުދޫ ސުކޫލަށާއި، މަންދޫ ސުކޫލަށް އަދި ދިގުރަށުގައި ހުންނަ އދ. އަތޮޅު މަދަރުސާ އަށެވެ.

އަދި މިއަދު ދަނގެތި ސުކޫލަށާއި، ދިއްދޫ ސުކޫލަށް އަދި މާމިގިލި ސުކޫލަށް ޒިޔާރަތްކުރަތްކުރެއްވުމަށް ހަމަޖެހިފައިވާ އިރު އިއްޔެ އެކަމަނާ ވަނީ މަހިބަދޫގައި ހުންނަ އދ. އަތޮޅު ތައުލީމީ މަރުކަޒަށާއި އަދި ހަންޏާމީދޫ ސުކޫލަށް ޒިޔާރަތްކުރައްވާފަ އެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ވަނީ ސްކޫލްތަކުގެ ސީނިއަރ މެނޭޖްމަންޓާއި، ޓީޗަރުންނާއި، ސްކޫލް ބޯޑާއި، ޕީޓީއޭ ހިންގާ ކޮމިޓީގެ ބޭފުޅުންނާއި އަދި ރަށު ކައުންސިލްގެ ބޭފުޅުންނާއި ބައްދަލުކުރައްވާފަ އެވެ.