އޮޑިޓަ ޖެނެރަލްގެ މަގާމަށް އަލުން ބޭފުޅަކު އައްޔަންކުރެވޭ ގޮތަށް އޮޑިޓް ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް ހުށައެޅި މައްސަަލައިގެ ޝަރީއަތް އަހަރު ދުވަހަށް ފަހު ފެށުމަށް ހަމަޖައްސައިފިއެވެ.
އޮޑިޓަ ޖެނެރަލްގެ މަގާމުން ނިޔާޒް ދުރުކުރުމާއި ގުޅިގެން އޭނާ ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ އަހަރު ދުވަސްވެފައިވާއިރު، އަންނަ ހޯމަ ދުވަހު ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ވަނީ ތާވަލްކޮށްފައެވެ.
ސިވިލްކޯޓަށް މައްސަލަ ހުށައެޅުމުގެ އިތުރަށް ނިޔާޒް ވަނީ އޮޑިޓަ ޖެނެރަލްގެ މަގާމަށް އަލުން ބޭފުޅަކު އައްޔަންކުރެވޭ ގޮތަށް އޮޑިޓް ގާނޫނަށް ގެނައި އިސްލާހަށް އަމަލުކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމުގެ އަމުރު ނެރެދިނުމަށް ހައިކޯޓަށްވެސް މައްސަލަ ހުށައަޅާފައެވެ. ނިޔާޒް ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ އޮޑިޓާ ޖެނަރަލްގެ މަގާމުގެ މުއްދަތަކީ ހަތް އަހަރު ކަމަށް ގާނޫނު އަސާސީގައި ބުނެފައިވަނިކޮށް އޮޑިޓް ގާނޫނަށް ގެނައި އިސްލާހަކުން އެ މާއްދާ ބަދަލުކޮށްފައިވާތީ އެކަމުގައި ގޮތެއް ނިންމައިދިނުމަށެވެ. ނަމަވެސް އޭނާ ހުށަހެޅުއްވި ގޮތަށް އަމުރު ނެރެދެވެން ނެތް ކަމަށް ހައިކޯޓުން ވަނީ ނިންމާފައެވެ.
އޮޑިޓަ ޖެނަރަލްގެ މަގާމު ގެއްލޭގޮތަށް 2014 ވަނަ އަަހަރުގެ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން އޮޑިޓް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ އެ ބިލް މަޖިލީހުން ފާސްކޮށް ތާސްދީގު ކުރެވި އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓަ ޖެނެރަލްގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަމެއް މަޖިލީހަށް ފޮނުއްވަންވާނެ ކަމަށެވެ.