ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު ބާއްވަން ނިންމި މަޝްވަރާތަކުގައި މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބައިވެރިވާ މަންދޫބުން ކަނޑައަޅައި އެކަން ރައީސް އޮފީހަށް އަންގައިފިއެވެ.

އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލް އިސްމާއީލް ސައީދު ވީނިއުސްއަށް ވިދާޅުވީ މަޝްވަރާތަކުގައި އެޕާޓީން ބައިވެރިވާނެ މަންދޫބުން މިހާރު ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން މަޝްވަރާތަކުގައި ބައިވެރިވުމަށް ތިން ބޭފުޅަކު ކަނޑައަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

އެމްޑީއޭއިން ނިންމީ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދާއި، ދެ ނާއިބު ލީޑަރުން ކަމަށްވާ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފް މަޝްވަރާތަކުގައި ބައިވެރިކުރުވުމަށެވެ.

"އަޅުގަނޑުމެން މި ކަނޑައެޅީ ތިން ބޭފުޅެއްގެ ނަން. އެއީ އެއް ބޭފުޅަކަށް ހާޒިރު ނުވެވޭ ހާލަތެއް ދިމާވިޔަސް، އަނެއް ދެ ބޭފުޅުންނަށް ހާޒިރުވެވޭ ގޮތަށް" އިސްމާއީލް ވިދާޅުވިއެވެ.

އިސްމާއީލް ވިދާޅުވީ އެޕާޓީން ކަނޑައެޅި ނަންތައް މިހާރު ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ސަރުކާރުން ސިޔާސީ ޕާޓީތަކާއެކު އަލުން މަޝްވަރާ ފެށުމަށް ނިންމައި އެކަން އިއުލާންކުރީ މިމަހުގެ 11 ވަނަ ދުވަހުއެވެ. އެގޮތުން ޕީޕީއެމް، އެމްޑީއޭ، އެމްޑީޕީ، ޖޭޕީ، އަދާލަތު ޕާޓީ އަދި ޑީއާރުޕީއަށް ވަނީ މަޝްވަރާތަކުގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.

މިހާތަނަށް މަންދޫބުން ކަނޑައަޅާފައިވަނީ އެމްޑީއޭގެ އިތުރަށް ޕީޕީއެމާއި ޑީއާރުޕީންނެވެ. ޕީޕީއެމުން ކަނޑައެޅީ އެޕާޓީގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކެވެ. ޑީއާރުޕީން ކަނޑައެޅީ ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ކައުންސިލް މެމްބަރު ޑރ. ހާމިދު ރަޝީދެވެ.

ޖުމްހޫރީ ޕާޓީން ބުނެފައިވަނީ މަޝްވަރާގައި ބައިވެރިވާނެ ކަމަށާއި ވަރަށް އަވަހަށް މަންދޫބުން ކަނޑައަޅާނެ ކަަމަށެވެ.

އެމްޑީޕީއާއި އަދާލަތު ޕާޓީން ބުނެފައިވަނީ މަޝްވަރާތަކުގައި ބައިވެރިވާން ނުނިންމާ ކަމަށެވެ. އަދި ސިޔާސީ ލީޑަރުން މިނިވަންކުރުމުން ނޫނީ މަޝްވަރާއަށް ނުދާނެ ކަަމަށް ވެސް އެ ދެޕާޓީން ބުނެފައި ވެއެވެ.

މަޝްވަރާތަކުގައި ސަރުކާރު ތަމްސީލް ކުރައްވާ މަންދޫބުންގެ ގޮތުގައި ކަނޑައަޅާފައިވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީއާއި، ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރާއި، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ. މާޗު މަހުގެ ދެވަނަ ދުވަހު މަޝްވަރާ ފަށާނެ ކަމަށް ސަރުކާރުން ބުނެއެވެ.