ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި ޖަމިއްޔާ (ފީފާ)ގެ އަސާސީ ގަވާއިދަށް އިސްލާހީ ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

މިބަދަލުތައް ފީފާއަށް ގެނެސްފައި ވަނީ ސްވިޒަލެންޑުގެ ޒިއުރިކުގައި މިއަދު ކުރިއަށް ގެންދިޔަ އެއިދާރާގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި އެވެ. މިއިސްލާހުތަކަށް 207 ގައުމަކުން 179 ގައުމުން ވަނީ ތާއިދުކޮށް ވޯޓް ދީފައެވެ.

ފީފާ އިން ކޮރަޕްޝަން ނައްތާލައި އެ ޖަމިއްޔާގެ ހިންގުމަށް މިއަދު މިގެނައި ބަދަލުތަކުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރޭގައި އެއިދާރާގެ ރައީސްކަމުގެ މަގާމުގައި އެންމެ ގިނަ ވެގެން ހުރެވޭނީ ހަތަރު އަހަރުގެ ތިން ދައުރު ކަމަށް ނިންމުން ހިމެނެ އެވެ. އަދި ފީފާގެ ކައުންސިލް މެމްބަރުންނާއި ޖުޑީޝަލް ބޮޑީތަކުގެ މެމްބަރުންނަށް ވެސް ގިނަ ވެގެން ފުރުއްވޭނީ ތިން ދައުރު ކަމަށް ނިންމުމާއި 24 މެމްބަރުން ހިމެނޭ ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ ބަދަލުގައި އެއިދާރާ ހިންގުމަށް 36 މެމްބަރުންގެ ކައުންސިލެއް ވެސް މިއަދު ވަނީ މިއިސްލާހީ ބަދަލުތަކުގެ ތެރޭގައި ގެނެސްފައެވެ.

ފީފާއިން ބުނީ، މިއަދު ފާސްކުރެވުނު އިސްލާހީ ބޮޑެތި ބަދަލުތަކާއެކު ކުރިއަށް އޮތްތަނުގައި އެއިދާރާ ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަަމށެވެ. އަދި ފީފާގެ ރައީސާއި ޖެނެރަލް ސެކްރެޓަރީ އާއި ކައުންސިލް މެމްބަރުންގެ އިތުރުން މިނިވަން ކޮމިޓީތަކުގެ ވެރިންގެ މުސާރަ އަހަރުން އަހަރަށް ހާމަކުރަން ޖެހޭ ގޮތަށް ވެސް މިއަދު ފާސްކުރެވުނު ކަންކަމުގެ ތެރޭގައި ހިމެނޭ ކަމަށް ފީފާއިން ބުނެއެވެ.

މީގެއިތުރުން ފީފާގެ ކޮމިޓީތަކުގެ އަދަދު ވެސް 9 މެންބަރުންގެ މައްޗަށް ކުޑަކޮށްފައެވެ. މީގެ ކުރިން ފީފާގެ ކޮމެޓީތަކުގައި ތިބެނީ ޖުމްލަ 26 މެންބަރުންނެވެ.