ދުނިޔެގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ އާ ރައީސަކަށް ޔޫއޭފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަންޓީނޯ އިންތިހާބުކޮށްފި އެވެ.

ފީފާގެ ރައީސްކަން އިންފަންޓީނޯ ކާމިޔާބު ކުރީ އޭއެފްސީގެ ރައީސް ބަހުރޭނުގެ ޝައިހް ސަލްމާން ބިން އިބްރާހީމް އަލް ހަލީފާ ވާދަކޮށެވެ. މިއިންތިހާބު ކުރިއަށް ގެންދިޔައީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ދެ ވަނަ ބުރުގައި އިންފަންޓީނޯ އަށް 115 ވޯޓް ލިބިވަޑައިގެންނެވިއިރު، ސަލްމާނަށް ލިބިވަޑައިގަތީ 88 ވޯޓެވެ. ފުރަތަމަ ބުރުން އިންފަންޓީނޯ އަށް ލިބިވަޑައިގަތީ 88 ވޯޓެވެ. ސަލްމާނަށް 85 ވޯޓެވެ.

މިރޭ ކުރިއަށް ދިޔަ މިއިންތިހާބުގައި ވާދަކުރި ފީފާގެ ކުރީގެ ނާއިބް ރައީސް ޖޯޑަންގެ ޕްރިންސް އަލީ ބިން އަލް ހުސައިނަށް ލިބިވަޑައިގަތީ 27 ވޯޓެވެ. ފްރާންސްގެ ޖެރޯމް ޝެމްޕޭނަށް ލިބިވަޑައިތީ ހަތް ވޯޓެވެ. އަދި އިންތިހާބުގައި ވާދަކުރި ދެކުނު އެފްރިކާގެ ސެކްވާލޭ ވަނީ އެންމެ ފަހު ވަގުތު ނަން އަނބުރާ ގެންގޮސްފަ އެވެ.

ފީފާގެ އާ ރައީސަށް އެންމެ ގިނަވެގެން ވެސް މަގާމުގައި ހުންނެވޭނީ 12 އަހަރަށެވެ.