ޓެކްސްއާ ގުޅޭ މައްސަލަތަކުގައި މީރާގެ އެންގުމަށް އެއިދާރާއަށް ހާޒިރުނުވާ މީހުން ފުލުހުން މެދުވެރިކޮށް ހައްޔަރުކޮއްގެން ހާޒިރުކުރާގޮތަށް މީރާގެ ގާނޫނު އިސްލާހު ކޮއްފިއެވެ.

މީރާގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައި ވަނީ މީރާއަށް ހާޒިރުވުމަށް އަންގާނީ އެއިދާރައިން ނެރޭ އަމުރަކުން ކަމަށެވެ. އަދި ދެ ފަހަރު މީރާއިން ނެރޭ އަމުރާ ހަވާލުނުވެއްޖެ ނަމަ ދެން ފުލުހުން މެދުވެރިކޮށް ހާޒިރު ކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ޓެކްސް ދައްކާ މީހުންނާއި މީރާއިން ކުރާ އެންމެހާ މުއާމަލާތްތައް އީމެއިލް މެދުވެރިކޮށް ކުރުމުގެ ބާރު، ކޮމިޝަނާ ޖެނެރަލަށް ލިބިގެންވާ ކަމަށް އަލަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެއެވެ.

ޓެކުހާ ގުޅޭ ކަންކަމާ ގުޅޭގޮތުން ސުވާލުކުރަން މީރާ އަށް ނުވަތަ މީރާ އިން ކަނޑައަޅާ ތަނަކަށް ހާޒިރުވާން އެންގުމުގެ ބާރު ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާ އަށް އޮތް ނަމަވެސް ހާޒިރު ނުވެއްޖެ ނަމަ އަމަލު ކުރާނެ އުސޫލެއް މީގެ ކުރިން ކަންޑައެޅިފައެއްނުވެއެވެ.