މުދާ ގަންނަ ފަރާތްތަކާއި، ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، "މިން އެޅުމާއި މިނެކިރުމާއި ބެހޭ ޤަވާއިދު" އާންމުކޮށްފި އެވެ.

ސަރުކާރުގެ ގެޒެޓްގައި އާއްމުކޮށްފައިވާ މި ޤަވާއިދު ބުނެފައިވަނީ، މި ޤަވާއިދުގެ ދަށުން މިންއެޅުމާއި މިން ހަމަކުރުމުގައި ބަލާނެ ގިންތިތަކަކީ، ދިގުމިނާއި، ބަރުމިން އަދި ކޮޑިމިން ކަމަށެވެ. އެގޮތުން މިން ހަމަކޮށް ބަރުދަން ބަލަން ގެންގުޅޭ ކައްޓާ، އަދި ދިގުމިން ބަލަން ގެންގުޅޭ ފަތިގަނޑު، ނުވަތަ ކޮޑިމިން ހަމަތޯ ބަލަންގެންގުޅޭ ކޮންޓެއިނާ ފަދަ ބޭނުންކުރަންވާނީ، އެ ޤަވައިދުދަށުން މިން ހަމަކޮށްގެން ކަމަށެވެ.

"މިން އެޅުމާއި މިނެކިރުމާއި ބެހޭ ޤަވާއިދު" ގައި ބުނެފައިވަނީ، ރާއްޖޭގެ ވިޔަފާރީގެ ހުރިހާ ޚިދުމަތްތަކާއި، ގަނެ ވިއްކާ ހުރިހާ މުދަލުގެ މުޢާމަލާތްތަކުގެ މައްޗަށް މި ޤަވައިދު ހިނގާނެ ކަމަށެވެ. އަދި މިނެކިރުމުގެ އެއްވެސް މުޢާމަލާތެއްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓަށް، ނުވަތަ އެ މިނިސްޓްރީއިން ކަނޑައަޅާ ތަނަކަށް ގެންގޮސް މިން ހަމަކަމަށް ބަޔާންކުރާ ފާހަގަ ނުވަތަ ސެޓިފިކެޓެއް ލިބިގެންނޫނީ އެއްވެސް ބާވަތެއްގެ މިނެކިރާ އެއްޗެއް ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މިން އެޅުމާއި މިނެކިރުމަށް ބޭނުންކުރާ ސާމާނު ހަމަތޯ ބެލުމުގެ ޚިދުމަތް ދޭނީ، އެމިނިސްޓްރީން ނުވަތަ މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަމަށާއި، އަދި އެ ޚިދުމަތްތައް ލިބެންހުންނަ ތަންތަނުގެ މަޢުލޫމާތު މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.

"މިން އެޅުމާއި މިނެކިރުމާއި ބެހޭ ޤަވައިދު" ގެ ދަށުން، ވިޔަފާރިކުރާ ތަންތަނުގައި ބޭނުންކުރާ، މިނެކިރާ އެއްޗެހި ހުރީ ޤަވާއިދާއި އެއްގޮތަށްތޯ ބަލައި ފާސްކުރުމުގެ ބާރު އިކޮނޮމިކް މިނިސްޓްރީއަށް ލިބިގެންވެއެވެ. އަދި އެގޮތުން ބަލާއިރު ފާހަގަކުރެވޭ މައްސަލަތައް، ޤަރީނާގެ ގޮތުގައި ރައްކާކުރުމަށްޓަކައި، ފޮޓޯ ނެގުމާއި ވީޑިއޯ ނެގުމުގެ ބާރުވެސް، ބަލައި ފާސްކުރާ ފަރާތްތަކަށް ލިބިދެ އެވެ.