ގައުމީ އަންހެން ފުޓްބޯޅަ ޓީމުން އެކުވެރި އަރަބި އިމާރާތް ( ޔޫއޭއީ) އާއެކު ރަހުމަތްތެރިކަމުގެ ދެ މެޗެއް ކުޅުމަށް ނިންމައިފި އެވެ.
އެފްއޭއެމްއިން ބުނީ، މި ދެ މެޗް ވެސް ކުޅޭނީ ޔޫއޭއީގައި ކަމަށާއި އެގޮތުން ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ތިން ވަނަ ދުވަހު ކަަމަށެވެ. އަދި ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަވަނަ ދުވަހު ކަމަށެވެ.
ވީނިއުސްއާ ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ހެޑް އޮފް ވުމަން މަރިޔަމް މުހައްމަދު (މާޔަން) ވިދާޅުވީ، ގައުމީ ޓީމް ޔޫއޭއީއަށް ދިއުމަށް ފުރާނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ކަމަށާއި މިފަހަރުގެ ޓީމުގައި 20 ކުޅުންތެރިން ހިމެނޭ ކަމަށެވެ. އަދި މިފަހަރު ޔޫއޭއީއަށްދާ ޓީމުގެ ހެޑް ކޯޗަކީ އިބްރާހިމް ހަލީމް (ޖަޑާ) ކަމަށާއި އޭނާއާ ހެޑް ކޯޗްކަން ހަވާލްކުރީ ޖަޕާނުގެ ކޯޗް ނައޯކޯގެ ކޮންޓްރެކްޓް ހަމަވެ، ގައުމަށް ދިއުމުން ކަމަށް ވެސް މާޔަން ވިދާޅުވި އެވެ.
އެފްއޭއެމްއިން ބުނީ، މި ދެ މެޗަކީ ގައުމީ އަންހެން ފުޓްބޯޅަ ޓީމް ފޯމްގައި ބޭއްވުމުގެ ގޮތުން ކުޅެވޭ މެޗްތަކެއް ކަމަށެވެ. އަދި މިއަހަރުގެ ކުރިއަށް އޮތްތާގައި ވެސް އިތުރު މެޗްތައް ކުޅެން ނިންމާފައިވާ ކަމަށް ވެސް އެފްއޭއެމްއިން މައުލޫމާތު ދެއެވެ.