ދެ ވަނަ އެމްބީއޭކަޕް އަންނަ މަހުގެ ހަ ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.

މޯލްޑިވްސް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން ބުނީ، އަންނަ މަހުގެ 6 އިން 27 އަށް ބާއްވާ މިމުބާރާތުގައި ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގެ ހަތަރު ޓީމާއި ދެ ވަނަޑިވިޝަންގެ ފިރިހެންބައިގެ އަށް ޓީމް އަދި ފުރަތަމަ ޑިވިޝަންގެ އަންހެންބައިގެ ހަތަރު ޓީމް ވާދަކުރެއެެވެ. މިމުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކަމަށް ވެސް ބާސްކެޓް ބޯޅަ އެސޯސިއޭޝަނުން މައުލޫމާތު ދެއެެވެ.

މިމުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބައިގައި ވާދަކުރާ ހަތަރު ޓީމަކީ ދިވެހި ސިފައިންގެ ކުލަބް، ރެޑްލައިން ކުލަބް، ޓީރެކްސް ބާސްކެޓް ބޯލް ކުލަބް އަދި ހަރިކޭން ބާސްކެޓް ބޯލް ކުލަބެވެ. އަދި ދެ ވަނަޑިވިޝަންގެ ފިރިހެން ބަިއގައި ވާދަކުރާ އަށް ޓީމަކީ އެލްކިއު ސްޕޯޓްސް ކުލަބް، ޔުނައިޓެޑް ނެޓްވޯކް އޮފް ފްރެންޑްސް، ސްޓިންގާސް، އެލްޓީ ސްޕޯޓްސް ކުލަބް، ބައުސް ސްޕޯޓްސް ކުލަބް، ޔޫތު އެލައިންސް، އެމްއެސްއެޗްއެސްއޭ، ވިޔަންސާ އެވެ.

އެމްބީއޭކަޕްގެ އަންހެން ޑިވިޝަންގައި ބައިވެރިވެފައިވާ ހަތަރު ޓީމަކީ ޓީރެކްސް ސްޕޯޓްސް އެކަޑަމީ، ހަރިކޭން ބާސްކެޓް ބޯލް ކުލަބް، މައްޗަންގޮޅި ވިމަންސް ޔޫތް އެންޑް ރެކްރިއޭޝަން ކުލަބް އަދި ދަ ގްރޭންޑްސް އަމީގޯސް ނިއު ޖެނެރޭޝަންއެވެ.

މިއީ އަހަރަކު އެއްފަހަރު ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ބާއްވާ އެންމެ ބޮޑު އެއް މުބާރާތެވެ.