މެލޭޝިޔާގެ ވެރިރަށް ކުއާލަލަމްޕޫރުގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރަން ރާއްޖޭގެ އަންހެން އަދި ފިރިހެން ޓޭބަލް ޓެނިސް ޓީމް ފުރައިފި އެވެ.

މާދަމާއިން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އޮންނަ މިމުބާރާތުގައި ވާދަކުރަން ފުރި ޓީމުގައި ހިމެނެނީ ޖުމްލަ ހަތް ކުޅުންތެރިންނެވެ. އެއީ ފިރިހެން ތިން ކުޅުންތެރިންނާއި އަންހެން ހަތަރު ކުޅުންތެރިންނެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ، މިފަހަރުގެ މުބާރާތުގެ ފިރިހެން ޓީމް އިވެންޓްގައި ޖުމްލަ 133 ޓީމް ވާދަކުރާ ކަމަށެވެ. އަދި އަންހެން ޓީމް އިވެންޓްގައި 109 ޓީމް ވާދަކުރެާ ކަމަށެވެ.

މިމުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމް 110 ވަނައިގައި ރޭންކް ކޮށްފައިވާއިރު އަންހެން ޓީމް ރޭންކް ކޮށްފައިވަނީ 87 ވަނައިގައެވެ.