ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ޔޫއޭއީ އަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ދުންޔާ ޔޫއޭއީއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅަކީ ދެ ދުވަހުގެ މުއްދަތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްްކަމަށެވެ.

މިނިސްޓަރުގެ މިދަތުުރުފުޅަކީ ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންގެ ދައުވަތަށް ކުރައްވާދަތުރުފުޅެއްކަމަށް އެމިނިސްޓްރީން ބުނެއެވެ.

މިނިސްޓަރުގެ މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ސިޓީފުޅެއް އެގައުމުގެ ރައީސްގެ އަތްޕުޅަށްއަރުވާނެކަަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރުގެ މިދަތުރުފުޅުގައި ޔޫއޭއީގެ ފޮރިން މިނިސްޓަރު ޝައިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއާއި ބައްދަލްކުރައްވާނެކަމަށެވެ. އަދި ރާއްޖެއާއި ޔޫއޭއީއާއި ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެކަމަށެވެ.

މިދަތުރުގައި މިނިސްޓަރު ދުންޔާގެ އަރިހުގައި ރާއްޖެ އިން ޔޫއޭއީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުﷲ ހަމީދު އަދި ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު މަރިޔަމް ބައްސާމާ ފާރޫގް ބައިވެރިވެވަޑައިގަންނަވައެވެ.