މުސްލިމުން އިސްލާމްދީނުގެ ހުކުމްތަށް ގާއިމުކުރާހާ ހިނދެއްގައި، ދުޝްމަނުންގެ ރުހުމެއް ނުލިބޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އިސްލާމިކް ޔުނިވާރސިޓީގެ ވައިސް ޗާންސެލަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް މިހެން ވިދާޅުވީ މިއަދު އެމަނިކްފާނު ކުރައްވާފައިވާ ޓްވީޓްތަކެއްގައެވެ.
ޝަހީމް މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގައި އިސްލާމީ ޝަރީއަތާއި އެއްގޮތަށް އަަމަލްކުރުމާއިމެދު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއްކަަމަށްވާ އެމްނެސްޓީ އިންޓަރނޭޝަނަލް އިން ވަނީ ކަންބޮޑުވުން ފާޅުގައެވެ.
އެ ޖަމާއަތުން ބުނެފައިވަނީ ރާއްޖޭގައި ޒިނޭ ކުރާ މީހުންގެ ގައިގައި ހައްދު ޖަހަމުންދިއުމާއި، މަރުގެ ހުކުމް ތަންފީޒްކުރަން ނިންމާފައިވާ ނިންމުމާއިމެދު އެ ޖަމާއަތުން ކަންބޮޑުވާކަމަށެވެ.
އަދި ރާއްޖޭގައި ޑިމޮކްރަސީގެ އުސޫލްތައް ނެތެމުންދާކަމަށް އެ ޖަމާއަތުން ވަނީ ހާމަކޮށްފައެވެ.
މިކަންކަމާއި ގުޅޭގޮތުން ޑރ ޝަހީމް ވިދާޅުވީ މުސްލިމުން އިސްލާމްދީނުގެ ހުކުމްތަށް ގާއިމުކުރާހާ ހިނދެއްގައި، ދުޝްމަނުންގެ ރުހުމެއް ނުލިބޭނެ ކަމަށެވެ.
އަދި އެބައިމީހުންގެ ރުހުން ލިބޭނީ އެމީހުންގެ މިއްލަތަށް ތަބާވުމުން ކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރަށް ޝަހީމް ވިދާޅުވީ އެބައިމީހުންގެ ނަޒަރުގައި އިސްލާމީ ގައުމުތަކުގެ ހަގީގީ މައްސަލައަކީ ޑިމޮކްރެސީ ނެތުން ނޫންކަމަށެވެ.
އެބައިމީހުންގެ އަސްލު މައްސަލައަކީ ސީދާ އިސްލާމް ދީންކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.