(25 ފެބްރުއަރީ 2016 އާ ގުޅޭ)
"ރީން ވިހެއީތަ؟ ފިރިހެންކުއްޖެއްތަ؟... ކޮންއިރަކު؟...." ކުއްލިއަކަށް އީތަންގެ ޠަބީޢަތް ބަދަލުވެއްޖެއެވެ. ހިތްހަމަނުޖެހުމާއި ލިބިފައި ހުރި ނުތަނަވަސްކަމުގެ ތެރެއިން އެހެންކަމެއް ފާޅުވާން ފެށިއެވެ. ބޭއިޚްތިޔާރުގައި މޭޒުމަތީ ބާއްވާލި ފޯނުން ޒޫރިންއާއެކު ނަގާފައިވާ ފޮޓޯ ގަނޑު ހޯދާލުމަށްފަހު ބަލަހައްޓައިގެން އިނެވެ.
"މަށެއް ތި ހުރިހާ އެއްޗެއް ނާހާނެއެއްނު... އީތަން އެނގެން ބޭނުންވަންޏާ ގޮސް ތަހުސީނު ދޮންބެ ގާތުގައި އަހާ" ޝައުން ބުނެލިއެވެ. ނަމަވެސް އޭނާގެ އަޑު އީތަންއަށް އިވުނުކަން ޝައުންއަށް ޔަޤީންނުވީ އީތަންގެ ފަރާތުން އެއްވެސް ޖަވާބެއް ނައީމައެވެ. އީތަންއަށް ވީގޮތެއް ނޭނގިފައި ޝައުން އޭނާއަށް ބަލަހައްޓައިގެން އިނެވެ. އެހެން ތިއްބާ ވެއިޓަރު މީހާ އައިސް މޭޒު ދޮށުގައި ހުއްޓުނު އިރު ވެސް އީތަންއަކަށް ނޭނގުނެވެ. ފޯނަށް ބަލަހައްޓާއިގެން ފުން ޚިޔާލެއްގެ ކަނޑަކަށް އީތަން ގެނބެމުންދިޔައީ ހީވެސް ނުކުރާ ފަދަ ބާރުމިނެއްގައެވެ. ދެތިން ފަހަރަށް އީތަންއަށް ގޮވާލާފައި އޭނާގެ އަތުގައި ޝައުން ޖެހިއެވެ.
"ކޮބާ ދެން އޯޑަރު ދޭންވީނު..." އީތަން އިސްއުފުލާ ޝައުންއަށް ބާލާލުމާއެކު އޭނާ ބުނެލިއެވެ.
"އަހަރެން.... އަހަންނަށް ކޮފީއެއް..." ޚިޔާލީ ދުނިޔެއިން ނުކުމެވުމާއެކު ހަރަކާތްތައް ލަސްވެފައި އިން އީތަން އެއްފަހަރު ޝައުންއަށް އަނެއްފަހަރު ވެއިޓަރަށް ބަލާލާފައި ބުނެލިއެވެ. އެއާއެކު ވެއިޓަރުމީހާ ނެގި އޯޑަރު ޔަޤީންކޮށްލުމަށް ކިޔާލުމަށްފަހު އެނބުރި އައި ދިމާއަށް ހިނގައްޖެއެވެ.
"ކޮންކަމަކާ ތި ވިސްނަނީ؟" ޝައުން ސުވާލުކޮށްލީ އޭނާގެ ހިތުގައި ކަމެއް ފޮރުވައިގެން އިނދެއެވެ.
"ނުވިސްނަން" މިފަހަރު އީތަން ޚިޔާރުކުރީ ހިތުގައި ހިނގާ އިހސާސްތައް އެންމެ ގާތް އެކުވެރިޔާއަށް ސިއްރުކުރާށެވެ. ނަމަވެސް އީތަންގެ ހިމޭންކަން ޝައުންއަށް އުނދަގޫކުރިއެވެ. އެހެންވެ ވާހަކައިގެ ތެރެއިން ނުސީދާ ގޮތަކަށް ދޭތެރެއަކުން އީތަންއާ ސުވާލުކޮށްލުމުން ވެސް އޭނާއަށް ވެފައި އިން ގޮތެއް ޝައުން ގާތުގައި ނުބުންޏެވެ. އޭގެ ބަދަލުގައި ޝައުންގެ ގާތުގައި އަވަސްކޮށްލުމަށް އީތަން އެދުނެވެ. މާމަ ބުނެގެން ކަމެއްކުރަންވެފައި އޮތްކަން ހަނދާންވީ ކުއްލިއަކަށް ކަމަށް އީތަން ބުނެ ޝައުންއަށް އޮޅުވާލިއެވެ.
"މަވެސް ދާނީ އީތަންއާއެކު ތިގެއަށް" ޝައުންގެ ޚިޔާލު އެއްގޮތަކަށް ވެސް އީތަންއަށް ކަމަކު ނުދިޔައެވެ. އެތައް ވާހަކައެއް އެ ދެމެދުގައި ދެއްކުމަށްފަހު އެންމެފަހުން އީތަންއާއެކު ޝައުން އެގެއަށް އައުމުގެ ޚިޔާލު ދޫކޮށްލިއެވެ. ނަމަވެސް އޭގެ ބަދަލުގައި ރޭގަނޑު ނުވައެއްޖަހާއިރު ޝައުންއާ ބައްދަލުކުރަން އީތަންއަށް ވަޢުދުވާންޖެހުނެވެ.
* * * *
މުޅިން އައު ދުވަހަކަށް ދުނިޔެމަތި އަލިވެގެން ދިޔައެވެ. ނިދިފައި އޮތް ރޭޝްމާއަށް ހޭލެވުނީ އޭނާގެ ކޮނޑުގައި މީހަކު އަތްލައިގެން ހުރެ ގޮވަނިކޮށެވެ. ލޯ ހުޅުވާލިއިރު ގާތުގައި ހުއްޓިލައިގެން ތަހުސީނު ހުއްޓެވެ.
"ބޭބީ ހައިލައިގެން... ކުޑަކޮށް އެބަ ރޮވޭ..." ވައިއަޑުން ތަހުސީނު ބުނެލިއެވެ. އެއާއެކު ރޭޝްމާ އަވަހަށް ތެދުވިއެވެ. އަދި ތުއްތުކުއްޖާ ލާފައި އޮތް އެނދުކައިރިއަށް އައިސް ހުއްޓިލިއެވެ.
"ރީންއަށް ގޮވާލަންވީތަ؟" ތަހުސީނު އަހާލިއެވެ.
"ނޫން! އަދި ބަނޑުހައިވާހާއިރެއްނުވޭ... ހުއްޓާލެވޭތޯ ބަލާލާފައި އެހެން ގޮތެއްނެތިޖެއްޔާ ރީންއަށް ގޮވާލާނީ" ރޭޝްމާ ބުނެލިއެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން ތަހުސީނު ހުއްޓެވެ. ރޭޝްމާއަކީ ދުވަހަކު ވެސް ދަރިއަކު ވިހާފައިނުވާ އަންހެނެކޭ ބުނާކަށް އެވަގުތު އަކަކަށް ވެސް ނޭނގޭނެއެވެ. ތުއްތުކުއްޖާގެ ކަންކަން ރޭޝްމާ ކުރަމުން ދިޔައީ އެހާ ވެސް ފުރިހަމައަށެވެ. މިއަދު އޭނާއަށް މާމަ ކިޔާނޭ ދަރިއަކު ލިބުމުން އެކަމާ ހުރީ ނުހަނު އުފަލުންކަން ކޮންމެ މީހަކަށް ވެސް ފާޅުކަންބޮޑުގޮތެއްގައި އެނގޭނެވެ.
ހެނދުނުގެ ސަޔަށްފަހު ރޭޝްމާގެ އެދުމަށް ޒޫރިން ފަރާތްފަރާތަށް ޖެހިލާ އެދުން ތެދުވިއެވެ. ނަމަވެސް ވޭން ހުރި ކަމަކަށް އެ ވަގުތުތައް ވެގެންދިޔައެވެ. ބަނޑުގައި ހިފަހައްޓާލައިގެން އިރުކޮޅަކު ހުރެފައި ނޫނީ ކުރިއަށް ފިޔަވަޅެއް ނޭޅެއެވެ. އެ ހުރިހާ ވަގުތަކު ޒޫރިންގެ ދެފަރާތުން އަތުގައި ހިފަހައްޓާލައިގެން ތަހުސިނާއި ރޭޝްމާ ތިއްބެވެ. ދަރިފުޅަށް ކެތްތެރިވާން ބުނަމުންނެވެ. ޑޮކްޓަރަށް އައިސް ވަދެވުނީ ވެސް ޒޫރިން އެނދަށް އަރަން އުޅެނިކޮށެވެ. އެތަން ފެނި ޑޮކްޓަރު ޒޫރިންއަށް އިތުރަށް ހިތްވަރުދިނީ މަޑުމަޑުން ވިޔަސް ތެދުވެ ހިނގާލާ ހެދުމަށެވެ.
ޒޫރިން ބަލާފާއި ޑޮކްޓަރު އެނބުރި ދިޔައީ އޭނާ މެންދުރު ގެއަށް ފޮނުވާލާނެކަމުގެ އުފާވެރި ޚަބަރު ދީފައެވެ. ޒޫރިން އާއި ދަރިފުޅުގެ ހާލު ވެސް ރަނގަޅުވީމައެވެ. އެއާއެކު ރޭޝްމާ އާއި ތަހުސީނު އަވަސްވެގަތީ އެތަނުން ދިއުމަށް އެއްޗެހި ތައްޔާރުކުރުމަށެވެ. ޒޫރިންގެ އެއްޗެއްސަށްވުރެ ގިނައީ ކުޑަދަރިފުޅުގެ އެއްޗިއްސެވެ. އެހެންނަމަވެސް ތަހުސީނާއި އޭނާއާ ދެމެދު ދެކެވުނު ވާހަކައިގެ މަތިން ރޭޝްމާ ހަނދާނެއް ނުނެތެވެ. ރަނގަޅު ވަގުތެއްގައި ޒޫރިންއާ އެ ވާހަކަދެއްކުމަށް ރޭޝްމާ މަޑުކުރީއެވެ.
މެންދުރުފަހު ދޭއްޖަހަން އުޅެނިކޮށް ތަހުސީނުގެ ކާރު އައިސް ހ.ބުލޫމޫނުގޭ ދޮރުމައްޗަށް ކާރު މަޑުކޮށްލިއެވެ. އެ ކާރުން އެންމެ ފުރަތަމަ ވެސް ފޭބީ ނާޒިލެވެ. އޭނާ އައިސް ފަހަތު ދޮރުފަތް ހުޅުވާލަންވާއިރަށް ކާރުގެ އަނެއްފަރާތުން ރޭޝްމާ ފައިބައިގެން އައިސް ނާޒިލުގެ ގާތުގައި ހުއްޓިލިއެވެ. ވަރަށް ބަލައިގެން ނާޒިލުގެ އެހީގައި ޒޫރިން ކާރުން ފޭބިއެވެ. އަދި މަޑު ހިނގުމުގައި އައިސް ރޭޝްމާ ހުޅުވާލައިގެން ހުރި ދޮރޯށިން އެތެރެއަށް ވަނެވެ. ތަހުސީނު ކާރުގައި ހުރި ސާމާނުތައް ހިފައިގެން އައިސް ސިޓިން ރޫމު ސޯފާކައިރީ ބެހެއްޓިއެވެ.
"އަންނާނަން ކާރު ޕާކުކޮށްލާފައި..." ތަހުސީނު ނުކުންނަން ދަމުން ބުނެލިއެވެ.
"މަންމާ އަޅުގަނޑަށް މައްޗަށް ދެވޭނީ އިރުކޮޅަކު މިތާ މަޑުކޮށްލާފައި" ތަދުވެފައި ހުރި ޒޫރިން ބުނެލިއެވެ.
"ޕްރިންސަސް އުރާލައިގެން ގެންގޮސްދާނަމޭ..." ސަމާސާގޮތަކަށް ނާޒިލު ބުނެލިއެވެ. އެއާއެކު ޒޫރިން ހީނލަން އުޅެފައި ވެސް ދެ ތުންފަތް ކައިރިކޮށްލިއެވެ. އަދި ދެ ފަރާތަށް ބޯހޫރާލަމުން ސޯފާގައި އިށީނެވެ.
ގޭތެރޭގައި އެންމެން ހަމަޖެހެން ވަގުތުކޮޅެއް ނެގިއެވެ. އެންމެ ގިނައިރުވީ ޒޫރިން އޭނާގެ ކޮޓަރިއަށް ގެންދިއުމަށެވެ. ތިރީގައި ހުރި ކޮޓަރިތަކުން ކޮޓަރިއެއް ޒޫރިންއަށް ތައްޔާރުކުރަން ކުރިން ވެސް ރޭޝްމާ ވިސްނިއެވެ. ނަމަވެސް އެކަމާ ޒޫރިން އެއްގޮތަކަށް ވެސް ޤަބޫލެއްނުވިއެވެ. އޭނާ އުޅޭ ކޮޓަރިއަށް ވުރެ ތިރީގައި ހުރި ކޮޓަރިތައް ބޮޑެތިވެސްވާނެއެވެ. ކުޑަދަރިފުޅު ގޮވައިގެން އުނދަގުލެއްނެތި އުޅެވޭނެއެވެ. އެހެންނަމަވެސް ޒޫރިން އޭނާގެ ކޮޓަރި ބަދަލުކުރާކަށް އެއްގޮތަކަށް ވެސް އެއްބަހެއް ނުވިއެވެ. އެންމެ ފަހު ވަގުތު ކޮޓަރި ތައްޔާރުކުރުމުގެ މަސައްކަތް ހުއްޓާލަން ރޭޝްމާއަށް ޖެހުނީ އެހެންވެއެވެ.
ތަހުސީނު އާއި ނާޒިލުއާ ވެގެން ކުޑައެނދު ހުރީ ކުރީބައިގައި ރާވާފައެވެ. އެހެންވެ ވަގުތުން ކޮޓަރިއަށް ވަދެ ކުޑަދަރިފުޅު އެނދުގައި ބޭއްވުމަށްފަހު ރޭޝްމާ އަވަސްވެގަތީ ޒޫރިންގެ ކަންކަން ކޮށްދިނުމަށެވެ.
"މިއަދު ދެން އެއްވެސް އެއްޗެއް ހަދާނެކަމެއްނެތެއްނު... ބޭރުން ގެންނާނީ ދޯ" ކޮޓަރީގައި ހުރި ބީންބޭގުމަތީ އިނދެފައި ނާޒިލު ބުނެލިއެވެ.
"މަށަށް ވެސް ފެންނަނީ ތިޔަހެން ހަދަން" ދޮރުމަތީ ހުރި ތަހުސީނުގެ އަޑުއިވުނެވެ.
"ތަހުސީނު އަދި ތިއުޅެނީ ނުވެސް ނިދާ... ދާންވީނު ގެއަށް ގޮސް ނިދާލާފައި އަންނަން" ރޭޝްމާ ހަމަޖެހިލާފައި ޒޫރިންގެ ގާތުގައި އެނދުގެ މަގަތުން އިށީންނަމުން ބުނެލިއެވެ.
"ގެއަށް ދާކަށް ބޭނުމެއްނޫން، ސޯފާގައި ޖައްސާލަފާނަން"
"ސޯފާގައި އޮއްވާ ތަދެއް އަރާފާނެ، މިގޭގައި ކޮޓަރި ހުންނާނެ... ގެއަށް ދާން ބޭނުންނުވަންޏާ އެތަނުން ކޮޓަރިއަކަށް ވަދެ ޖައްސާލާ" ރޭޝްމާ ބުނެލިއެވެ.
"އިހަށް މިދަނީ ނަމާދަށް، އަސުރަށް ގޮވަން އެ އުޅެނީ.... އަދި މިހިރީ މެންދުރު ނަމާދުނުކޮށް، ނާޒިލު ހިނގާ ދާން... ކަލޭ ދާންވާނެ މަށާއެކީ. އަންނަމުން ސައިބޯން ކޮންމެވެސް ކަހަލަ ކާއެއްޗެއް ހިފައިގެން އަންނާނީ" ތަހުސީނު މިހެން ބުނެ ނާޒިލުގެ ކޮނޑުގައި ކޮއްޓާލިއެވެ. އޭނާ ތެދުވާކަހަލަ ޚިޔާލެއް ނުކުރުމުން ޓީޝާޓުގެ ގިރުވާނުގައި ހިފާ މައްޗަށް ދަމާލިއެވެ. އެއާއެކު ހީނގަނެފައި ނާޒިލު ތެދުވެއްޖެއެވެ. އަދި ތަހުސީނާއެކު ނުކުމެގެން ދިޔައެވެ.
"ރީން... މަންމަ ވާހަކައެއް ބުނަންވެފައި އެބައޮތް..." ދަރިފުޅާއެކު އެކަނިވުމުން އިރުކޮޅަކު ހިމޭނުން އިނދެފައި ރޭޝްމާ ވާހަކަދައްކަން ފެށިއެވެ. ޒޫރިންގެ ސަމާލުކަން ހޯދުމާއެކު ތަހުސީނާ ކައިވެނި ކުރާ ވާހަކަ ދެއްކިއެވެ. ޒޫރިންގެ ޚިޔާލު ވަރަށް މުހިންމުކަން ރޭޝްމާ ހާމަކުރުމުން އޭނާގެ އަތުގައި ޒޫރިން ހިފާލިއެވެ.
"މަންމާ! އަޅުގަނޑު ހިތުން ރުހުމުން ޤަބޫލު. މަންމަމެންނަށް ފެންނަ ދުވަހަކުން ކައިވެނި ކުރަންވީ" ޒޫރިން އޭނާގެ ހިތުގައި އޮތް އެއްޗެއް ހާމަކުރިއެވެ.
"ރީން! ދަރިފުޅާ! މިހިސާބުން އަދި ހުރިހާ ކަމެއް ނިމުނީއެއްނޫން... އަދި އެބައޮތް ކުރިމަތިލާންޖެހޭ ވަރަށް ބޮޑު އިމްތިހާނެއް" ރޭޝްމާގެ އަޑު ބަދަލުވެގެން ދިޔައެވެ.
"ތިކަން ވެސް އެނގޭ މަންމާ. ބައްޕަނެތް ކުދިން ވިހެއުމުން އަންހެނުންނަށް އަދަބު ލިބޭކަން އެނގޭ.... އެކަމަކު ވެސް ހިތަށް އަރާ... މި ދަރިފުޅަކީ ހަމަ ބައްޕަނެތް ކުއްޖެއްބާއޭ..."
"ރީން! ތިކަހަލަ ވާހަކަނުދައްކާ. ކައިވެނިން ބޭރުގައި ތިއީ ބޮޑު ފާފައެއް... ދަރިފުޅަށް އެކަން އެނގި ތަޢުބާވާން މަސައްކަތް ތިކުރަނީ... އެގޮތުގައި ސާބިތުވެ ހުރޭ... އެ ދުވަސް ވެސް ނިމި ހިނގައިދާނެ... ކެތްތެރިކަމާއި ހިތްވަރު ބޭނުންވަނީ" ޒޫރިންގެ ބޮލުގައި ފިރުމަމުން ރޭޝްމާ ބުނެލިއެވެ.
* * * *
ފުންނޭވާއެއް ބޭރުކޮށްލުމާއެކު ސައިކަލުގައި މަޑުކޮށްލައިގެން އިން އީތަން މަގުގެ އަނެއްފަރާތުން ފެންނަން ހުރި ގެއަށް ބަލާލިއެވެ. މޫނުމަތިން ފެންނަނީ ޖެހިލުންވުމެވެ. ނުތަނަވަސްކަމުގެ ރޫތައް ނިތަށްޖެހި ބާރުވެފައި ވެއެވެ. އެގޭގެ ޓެރެސްއަށް އީތަންގެ ނަޒަރު ހުއްޓިފައި ހުރިއިރު އޭނާ ކޮންމެ ވެސް ކަމެއް ހޯދާ ކަހަލައެވެ. އިސްޖަހާލާފައި ދެ ފަރާތަށް ބޯހޫރާލިއެވެ. ދެން ފެނުނީ ސައިކަލުގެ މީޓަރުބޯޑުގައި މުއްކަވާލި އަތުން ދެތިންފަހަރު ޖަހާލަމުން ޗޮސްކަނޑާލި އަޑެވެ. އެ ހުރިހާ ކަމެއް އޭނާއަށް އެވަނީ މަޑުކޮށްލައިގެން އެ އިނީ ޒޫރިން އުޅޭ ގެ ކައިރީގައި ކަމަށްވީމައެވެ. ފޯނު ނަގައިން އިނދެ ގުޅާލަން އެތައް އިރަކު މަސައްކަތްކޮށް ކޮށް އެކަން ނުވުމުން އޮފީސް ނިންމާފައި ދަމުން އީތަންއަށް އެގޭ ދޮށާއި ކައިރިކޮށްލެވުނީއެވެ. ކޮންމެހެން ކުރިއާލާ ޕްލޭންކޮށްގެންނެއް ނޫނެވެ. ނަމަވެސް އޭނާގެ ހިތް އެތަނަށް އޭނާ ގެނައީއެވެ. އެތަނުގައި ގަޑިއެއްހާއިރު އިނދެއިނދެފައި ސައިކަލު ދުއްވާލީއެވެ. ހަމައެވަގުތު އީތަންގެ ފޯނަށް ކޯލެއް އައެވެ. ސިހިފައި ކުއްލިއަކަށް ބުރެކިޖެއްސުމާއެކު އީތަން ކުރިއަށް ވެއްޓެންދާން އުޅުނެވެ. ކޮންޓްރޯލު ކުރެވުނީ ކިރިޔާއެވެ. އަވަހަށް ފޯނު ނަގާ ބަލާލީ ޝައުންކަމަށް ހީކޮށްގެން ހުރެއެވެ.
"ވަޓް... މި ހުރިހާ ދުވަހު ނުގުޅާ ހުރެފައި ހަމަ މިވަގުތުތަ ގުޅަން އެނގުނީ..." ކުއްލިއަކަށް ވެރިވެގެން ދިޔަ ފޫހިކަމާއެކު އީތަން ބުނެލިއެވެ. އަދި ފޯނު ސައިލަންޓުކޮށްލުމާއެކު އަލުން ފަޓުލޫނުގެ ޖީބަށްލިއެވެ.
ގެއަށް އައިސް ވަދެވުނުއިރު އީތަންގެ ޠަބީޢަތަށް ފޫހިކަން ވެރިވެފައި ހުރީ އޭނާއަށް ލިބުނު ފޯނުކޯލުންނެވެ. ކޮޓަރިއަށް ވަދެ ހެދުން ބަދަލުކޮށްލުމާއެކު ފަޓުލޫނު ޖީބުގައި އޮތް ފޯނު ނަގާ އެނދުމައްޗަށް އެއްލާލިއެވެ. އެވަގުތު ފޯނަށް މެސެޖެއް އައިސްފައި އޮތްކަން އެނގުނީ އެނދުގައި ޖެހުނު ގޮތުން ފޯނުގެ އިސްކުރީނު ދިއްލުމުންނެވެ.
"އަހަރެން ބޭނުން އީތަންއާ ބައްދަލުކޮށްލަން. އަހަރުމެން ދެމީހުންގެ ދެމެދުގައި އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަދައްކަން އެބަޖެހޭ... އީތަންއަށް ފަސޭހަ ގަޑިއަކާއި ބައްދަލު ކުރާނޭ ތަނެއް ބުނަނިކޮށް އަހަރެން އަންނާނެ... ޖޭޒް..." އީތަން ފޯނަށް ބަލަން އިނދެ މެސެޖު ކިޔާލިއެވެ.
"ޖޭޒްއަށް ވުރެ މިއަދު އަހަރެންގެ ދަރިފުޅާއި އެ ދަރިފުޅުގެ މަންމަ ދުށުމަށް އަހަރެން މާ ބޭނުން..." އަތުގެތެރޭ ފޯނު ފިއްތާލަމުން އީތަން ބުނެލިއެވެ. ދެފަރާތައް ބޯހުރާލުމާއެކު ނިތްކުރީގައި ދެއަތްގެނެސް ޖައްސާލިއެވެ. އީތަންގެ ސިކުނޑީގައި ވަރުގަދަ ހަނގުރާމައެއް ކުރެވެމުންދާ ކަހަލައެވެ. ހިތާއި ޟަމީރު އެއްބައިވެ ސިކުނޑިއާއި ތޮޅެމުންދަނީއެވެ. ވިސްނުމުގެ ބާރު ދެރަކޮށް ހިތުގެ ޖަޒުބާތުތައް ހޭލައްވާލާ އެ އިހުސާސްތަކަށް ބޯލަންބުވަން މަޖުބޫރުކުރާ ފަދައިންނެވެ. (ނުނިމޭ)