ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރުމަށް ބާރު އެޅުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "ބީއެމްއެލް ގްރީން ލޯން" ގެ ނަމުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް އަމާޒްކޮށް ލޯން ސްކީމެއް މިއަދު ތައާރަފުކޮށްފި އެވެ.
މި ދިޔަ ޑިސެމްބަރު މަހު ބޭންކުން ގާއިމްކުރި ގްރީން ފަންޑުގެ ދަށުން މިއަދު މި ލޯނު ސްކީމް ތައާރަފުކޮށްދެއްވީ، އިޔާދަކުރަނިވި ހަކަތަ އިން ހިންގޭ ގޮތަށް ރާއްޖޭގައި ގާއިމްކުރި ފުރަަތަމަ ބޭންކް، ވ. ފެލިދޫ ބްރާންޗް ރަސްމީކޮށް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމެވެ.
ބީއެމްއެލްއިން ބުނީ، ގްރީން ލޯން މެދުވެރިކޮށް ބޭނުންވާ ހަކަތަ އުފެއްދުމަށް ސޯލާ ޕެނަލް ފޮޓޯވޮލްޓެކް ޕެނަލް އަދި ސިސްޓަމް ނުވަތަ ހަކަތަ ވީހާވެސް ބޭނުންތެރިކޮށް ހިފުމަށްޓަކައި ބޭނުންކުރެވިދާނެ އާލަތްތައް ހޯދުން ފަދަ ތިމާވެއްޓާ ރައްޓެހި ޓެކްނޮލޮޖީ އަށް ފައިނޭސް ކުރުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ލިބޭނެ ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ، މި ލޯނާ އެކު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބޭނުންވާ ގްރީން ޓެކްނޮލޮޖީ އަށް އިންވެސްޓް ކުރުމަށް ފުރުސަތު ލިބޭނެ ކަަމަށެވެ.
"މިގޮތުން ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމަަށް ހާސިލް ކުރަންޖެހޭ މުހިންމު އެއް ލަނޑުދަނޑި ކަމަށްވާ ކާބަން ދޫކުރާ މިންގަނޑު ދަށްކުރުމަށް މަގުފަހި ވެގެންދާނެ،" އެންޑްރޫ ވިދާޅުވި އެވެ.
ބީއެމްއެލްއިން ބުނީ، މި ސްކީމްގެ ދަށުން 50،000ރ. އާއި 20 މިލިއަން ރުފިޔާއާ ހަމަޔަށް ލޯން ލިބޭނެ ކަމަށެވެ. އަދި ލޯނު އަނބުރާ ދައްކަން ދެނީ 20 އަހަރުގެ މުއްދަތައް ކަމަށައި ލޯން ނެގުމަށްޓަކައި އިމާރާތާއި ގޯތި އަދި ކަނޑުގައި ދުއްވާ އުޅަނދުފަހަރު އަދި ލޯނުގެ ގޮތުގައި ނަގާ ފައިސާ އިން ހޯދާ ތަކެތި ނުވަތަ އާލާތްތައް ވެސް ރަހުނުގެ ގޮތުގައި ބެހެއްޓިދާނެ ކަމަށް ބީއެމްއެލް އިން މައުލޫމާތު ދެއެވެ.
ބީއެމްއެލް އިން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފްރާންސްގެ ޕެރިހުގައި ނިމުނު ތިމާވެއްޓާ ބެހޭ ސަމިޓަށް ފަހު، އެ ބޭންކާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ ގުޅިގެން، "ބީއެމްއެލް ގްރީން ފަންޑް" ގެ ނަމުގައި 500 މިލިއަން ރުފިޔާގެ ފަންޑެއް އިފުތިތާހު ކޮށްފައިވާ ކަމަށެވެ.