ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް ފުލުހުންނަށް ފިލަން ދުވެފައިވާ ކަމަށް ފުލުހަކުން މިއަދު ކޯޓްގައި ހެކިބަސް ދީފި އެވެ.
މަހްލޫފްގެ މައްޗަށް ދައުލަތުން ކުރަނީ ފުލުހުންނަށް ފިލަން މަސައްކަތް ކުރުމުގެ ދައުވާ އެވެ. މި ދައުވާ އުފުލާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި އޭނާ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށްފަހު ފުލުހުންގެ ވެހިކަލްގައި އަނބުރާ ގެންދަން އުޅެނިކޮށް ފުލުހުންގެ ވެހިކަލަށް އަރަން ދެކޮޅު ހައްދަވާ ފިލަން މަސައްކަތް ކުރެއްވި ކަމަށް ބުނެ އެވެ.
މިމައްސަލައިގެ ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި މަހްލޫފާ ދެކޮޅަށް ހަ ފުލުހަކު ހެކިބަސް ދިނުމަށް ހަމަޖެހިފައިވީ ނަމަވެސް ހެކިބަސް ދީފައިވަނީ ފަސް ފުލުހުންނެވެ. މިއަދު އޭނާ ހާޒިރުކުރެވިފައި ނުވާތީ ދެން އޮންނަ އަޑުއެހުމެއްގައި އޭނާގެ ހެކިބަސް ނަގަން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން މިއަދު ވަނީ މަހްލޫފްގެ ދިފާއީ ހެކިންގެ ގޮތުގައި ކޯޓަށް ހުށަހެޅި ދެ ނޫސްވެރިން ކަމުގައިވާ ރާއްޖެ ޓީވީގެ އަހްމަދު ވިޝާމްއާއި ވީޓީވީގެ އަހްމަދު ހަމީދު އާދަމްގެ ހެކިބަސް ނަގާފަ އެވެ.
މިއަދުގެ އަޑުއެހުމުގައި މަހްލޫފާ ދެކޮޅަށް ހެކިބަސް ދިން ފުލުހަކު ބުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު މަހްލޫފް ކޯޓަށް ހާޒިރުކުރުމަށްފަހު ފުލުހުންގެ ވެހިކަލަށް އަރަން އެންގުމުން ވެހިކަލަށް އަރަން ދެކޮޅު ހައްދަވާ ފުލުހުންނަށް ފިލަން ހިލާލީގެއާ ހަމައަށް ދުވެފައިވާ ކަމަށެވެ. ނަމަވެސް މިމައްސަލާގައި ހެކިބަސް ދިން އެހެން ފުލުހުން ބުނީ ވެލާނާގެއާ ހިސާބުން މަހްލޫފް އަމިއްލަފުޅަށް މަޑުކުރެއްވީ ކަމެއް ނުވަތަ ފުލުހުން އޭނާ ހުއްޓުވީ ކަމެއް އެމީހުންނަަށް މުޅިން ޔަގީންނުވާ ކަމަށެވެ. ނަމަވެސް މަހްލޫފްގެ ގައިގައި ފުލުހުން ހިފަހައްޓައިގެން ތިއްބާ ފެނިފައިވާ ކަމަށް ހެކިބަސް ދިން ހުރިހާ ފުލުހުންވެސް ބުންޏެވެ.
މަހްލޫފްގެ ދިފާއީ ހެކިންގެ ގޮތުގައި ހެކިބަސް ދެމުން ދެ ނޫސްވެރިންވެސް ބުނީ މަހްލޫފް ވެހިކަލަށް އަރުވަން އުޅުނު ވަގުތު އެތާ ކައިރީގައި ހުރި އޭނާގެ އަނބިކަނބަލުންނާ ބައްދާލަން މަހްލޫފް މަސައްކަތް ކުރެއްވި ކަމަށެވެ. ނަމަވެސް ފުލުހުން ވަކި ހިސާބަކުން މަހްލޫފް ގެންދިޔަ ކަމަށްވެސް ނޫސްވެރިން ބުންޏެވެ. މަހްލޫފް ފިލަން އެއްވެސް މަސައްކަތެއް ކުރިކަމަކަށް އެއްވެސް ނޫސްވެރިޔަކު ބުނެފައެއް ނުވެ އެވެ.
މަހްލޫފްގެ މައްޗަށް މި ދައުވާ ސާބިތުވެއްޖެނަމަ ގިނަ ވެގެން އަންނާނީ ހަމަސް ދުވަހުގެ ޖަލު ހުކުމެކެވެ. އެހެންކަމުން އޭނާގެ މެންބަރު ކަމުގެ ގޮނޑި ގެއްލިގެން ނުދާނެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ ސަރުކާރާ ދެކޮޅަށް ކުރެވުނު މުޒާހަރާއެއްގައި މަހްލޫފް ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅި ކަމަށް ބުނެ ކުރިންވެސް ދައުލަތުން މިފަދަ ދައުވާއެއް މަހްލޫފްގެ މައްޗަށް ކޮށްފައިވެ އެވެ. ނަަމަވެސް އެމައްސަލަ އަނބުރާ ގެންދިއުމަށްފަހު ދެވަނަ ފަހަރަށް މައްސަލަ ކޯޓަށް ހުށަހަޅައި ހިނގަމުން ދަނިކޮށް ހައި ކޯޓުން އޭރު ނިންމީ އެ މައްސަލަ އަނބުރާ ގެންދިއުމުގައި ދައުލަތުން އަމަލުކުރި ގޮތުން އެމައްސަލާގައި އިތުރަށް ދައުވާ ނުކުރެވޭނެ ކަމަށެވެ.