މުޅި ރާއްޖޭގައި ބޭންކިންގެ ހިދުމަތް ފުޅާކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާ 300 މިލިއަން ރުފިޔާގެ އިންވެސްޓް ޕްރެގްރާމްގެ ދަށުން ބީއެމްއެލްގެ 29 ވަނަ ބްރާންޗް ވ. ފެލިދޫގައި ހުޅުވައިފި އެވެ.
މި ބްރާންޗް ހުޅުވިގެން ދިޔުމާއެކު ބީއެމްއެލްގެ ބްރާންޗެއް ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ގާއިމް ކުރެވުނީ ކަމަށް އެބޭކުން މައުލޫމާތު ދެއެވެ. އަދި ފެލިދޫގައި މިއަދު މިހުޅުވުނު ބްރާންޗް ހުޅުވަދެއްވީ އެންވާރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.
ބީއެމްއެލްއިން ބުނީ، މިއަދު މިހުޅުވުނު މި ބްރާންޗަކީ އިޔާދަކުރެނެވި ހަކަތައިން ހިންގޭ ގޮތައް ރާއްޖޭގައި ފުރަތަމަ ހުޅުވުނު ބޭންކް ބެރާންޗެވެ. އަދި މިބްރާންޗުގައި މުޅިވެސް ބޭނުން ކުރަނީ އަވިން ލިބިދޭ ހަކަތަކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.
ބީއެމްއެލްގެ ސީއީއޯ އެންޑްރޫހީލީ ވިދާޅުވީ، ފެލިދޫ ބްރާންޗް ހުޅުވެގެން ދިއުމާއެކު މިވަނީ މުހިންމު ލަނޑުދަނޑިއެއް ހާސިލް ކުރެވިފައި ކަމަށެވެ.
"ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މިވަނީ ބޭންކް ބްރާންޗެއް ގާއިމް ކުރެވިފައި. މިއީ މިއަހަރު އަތޮޅު ތެރޭން ހުޅުވަން ނިންމާފައިވާ ހަތް ބްރާންޗުގެ ތެރެއިން ދެ ވަނަ ބްރާންޗް. މިއިން ރަމްޒުކޮށްދެނީ ބޭންކުން މުޅިރާއްޖޭގައި ބޭންކިން ހިދުމަތް ފުޅާކުރުމަށް ދޭ އިސްކަމުގެ އިތުރުން މުޖުތަމައުއަށް އެހީތެރިވުމަށް ބޭކުން ކުރަމުންދާ މަސައްކަތް." އެންޑްރޫހީލީ ވިދާޅުވިއެވެ.
ބީއެމްއެލްއިން ބުނީ، މި ބްރާންޗުގައި ބަހައްޓާފައިވާ އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި ހިންގާ އެހެން ހުރިހާ ބޭންކަކަށް ވުރެ ބޮޑު އިންވެސްޓްމަންޓަކާއެކު މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޭންކެވެ.