މިއަހަރުގެ ފުަރަތަމަ ޑިވިޝަންގެ ފުޓްބޯޅަ މުބާރާތުގައި އަލަށް ވާދަކުރާ ޔުނައިޓެޑް ވިކްޓަރީގެ ހެޑް ކޯޗަކަށް މުހައްމަދު އާތިފު (އާތީ) ހަމަޖައްސައިފި އެވެ.
ކުރިން ލެގޫންސާއި ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުނު އާތީ ޔުނައިޓެޑް ވިކްޓަރީގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ މިއަހަރުގެ ނިޔަލަށް ކަމަށް އެކުލަބުން މައުލޫމާތު ދެއެވެ.
އަންނަ އޭޕްރީލް މަހު ފެށުމަށް ހަމަޖެހިފައިވާ މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ޔުނައިޓެޑް ވިކްޓަރީގެ ފަރިތަކުންތައް އިއްޔެ ރަސްމީކޮށް ފެށީވެސް ކޯޗް އާތީއާއެކު އެފްއޭއެމްގެ ޓާފް އެއް ނަންބަރު ދަނޑުގަ އެވެ.
ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބްތަކަށާއި 16 އަހަރުންދަށުގެ ގައުމީ ޓީމަށް ވެސް މީގެ ކުރިން ކޯޗްކަން ކޮށްދީފައިވާ އާތީ އަކީ އޭ ލައިސަންސް ކޯޗެކެވެ. އަދި އޭނާ އަކީ ކުރިން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ހެޑްކޯޗުކަން ވެސް ކޮށްފައިވާ މީހެކެވެ.
ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިވީ ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން ޓީމުގެ ގޮތުގަ އެވެ. އެ ޓީމަށް މިދިޔަ ސީޒަނުގައި ކޯޗުކޮށްދިން މުހައްމަދު ނަޒީހު މި ސީޒަނުގައި ފެންނަނީ ވިކްޓަރީންނެވެ.