ދުނިޔޭގެ އެކި ގައުމުތަކުގައި ކަންކަން ތަޖުރިބާކޮށްފައި ހުރި ގޮތަށް ބަލައިގެން ރާއްޖޭގެ ތަންފީޒީ އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރަންޖެހޭ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްްޖެ އެވެ.
މިނިސްޓަރު އުމަރު މިހެން ވިދާޅުވީ ފުލުހުންގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް އެންފޯސްމަންޓް ސްޓަޑީސް (އައިއެސްއެލްއީއެސް) އިން ހިންގި ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އުމަރު ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކަށް ދިމާވި ބޮޑެތި މައްސަލަތައް އެ ގައުމުތަކުން ހައްލުކުރި ގޮތް ބަލައި ދިރާސާކޮށްފިނަަމަ ރާއްޖެއަށް ވެސް ކުރިމަތިވެފައި ހުރި ބޮޑެތި މައްސަލަތަކުގައި ހައްލުތަކެއް ހޯދޭނެ ކަމަށެވެ. އަދި އެހެން ގައުމުތަކުގެ ތަޖުރިބާއަށް ބަލައިގެން ރާއްޖޭގެ މައްސަލަތަކަށް ހައްލު ހޯދަން މަސައްކަތް ކުރެވިއްޖެނަމަ އެ މައްސަލައެއް އަވަހަށް ހައްލުކުރެވި އަދި އެކަމަށް ކުރަންޖެހޭ ހަރަދުވެސް ކުޑަވެގެން ދާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރާއްޖޭގެ ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކަށް ބައްލަވާލައްވަމުން އުމަރު ވިދާޅުވީ އެފަދަ މުއައްސަސާތަކުން ކުރާ މަސައްކަތަކުގެ ހަތަރުބައިކުޅަ އެއްބަޔަކީ ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.
އުމަރު ވިދާޅުވީ ރާއްޖެއަށް އެތެރެވާ ނުރައްކާތެރި ކުށްވެރިންނާއި، ގަވައިދާ ހިލާފަށް ހަތިޔާރު އެތެރެކުރުމާއި، ގަވައިދާ ހިލާފުވާ ބިދޭސީންގެ މައްސަލަތަކަކީ ބޭރު ގައުމުތަކުގައި އެފަދަ މައްސަލަތައް ހައްލުކޮށްފައި ހުރި ގޮތް ބަލައިގެން ރާއްޖެއިން ވެސް ހައްލުކުރެވޭނެ މައްސަލަތަކެއް ކަމަށެވެ. ނަމަވެސް ރާއްޖެއިން ކަންކަން ހައްލުކުރުމުގައި އަމިއްލަ ގޮތްތަކެއް ގެންގުޅުމަށްވެސް އެދިވަޑައިގެންނެވި އެވެ.
މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު ކުށެއް ކުރާ ހާލަތުގައި ގެއަކަށް ވަންނަން ކޯޓް އަމުރެއް ހޯދުމަށް ގިނަ ވަގުތު ހޭދަކުރަންޖެހޭ މައްސަލަ ވެސް އުމަރު ފާހަގަކުރެއްވި އެވެ. ނަމަވެސް ވިދާޅުވީ އެއީ ހަމައެކަނި ރާއްޖޭގައި އެކަނި ހިނގާ ކަމެއް ނޫން ކަމަށެވެ.
އައިއެސްއެލްއީއެސްގެ ކޯސްތަކުގައި ބައިވެރިވި މޯލްޑިވްސް އިމިގްރޭޝަނާއި، އެމްއެންޑީއެފާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިތުރުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންގެ ތެރެއިން 46 ދަރިވަރަކު ވަނީ ޑިޕްލޮމާ އެސޯސިއޭޓެޑް ޑިގްރީ ހާސިލްކޮށްފަ އެވެ. އަދި 39 ދަރިވަރަކު ވަނީ ބެޗްލާސް އޮފް ސައިންސް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓްގެ ދާއިރާ އިން އެސޯސިއޭޓެޑް ޑިގްރީ ހާސިލްކޮށްފަ އެވެ.
އައިއެސްއެލްއީއެސްއަކީ ޑިގްރީ ފެންވަރަށް ކޯސްތައް ހިންގަން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ހުއްދަ ދީފައިވާ ކޮލެޖެކެވެ.