ސްޕެއިން ލީގުގައި ރޭ ވާދަވެރި އެތުލެޓިކޯ މެޑްރިޑް އަތުން 1-0 ލަނޑުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

މި މޮޅާއެކީ އެތްލެޓިކޯ އޮތީ 58 ޕޮއިންޓާއެކީ ލީގުގެ ދެވަނައިގައެވެ. މި މެޗުން ބަލިވި ރެއާލް މެޑްރިޑް އޮތީ 54 ޕޮއިންޓާއެކީ ލީގުގެ ތިންވަނައިގައެވެ. މި ދެ ޓީމަށްވުރެ އެއް މެޗު މަދުންކުޅެ، ލީގުގެ އެއްވަނައިގައި 63 ޕޮއިންޓާއެކީ އޮތީ ބާސެލޯނާއެވެ.

ރެއާލްގެ ދަނޑުގައި ރޭ ކުޅުނު މިމެޗުގެ ލަނޑު އެތުލެޓިކޯއަށް ކާމިޔާބު ކޮށްދިނީ އެންޓޮއިން ގްރިޒްމަންއެވެ. މި ގޯލަށްފަހު ވެސް އެތްލެޓިކޯއަށް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ.

ރޭގެ މެޗަކީ ރެއާލުގެ އާ ކޯޗު ޒައިނުއްދީން ޒިދާންގެ ކޯޗުކަމުގެ ދަށުން އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. ރޭގެ މެޗުގައި ގެރެތު ބޭލް އާއި މާސެލޯ އަނިޔާގެ ސަބަބުން ނުކުޅޭއިރު ބެންޒެމާ ވަނީ ފުރަތަމަ ހާފަށް ފަހު ބަދަލުކޮށްފަ އެވެ.

ރޭގެ މެޗުން ރެއާލް ބަލިވުމުން ލީގު ހޯދުމަށް އެޓީމުން ކުރަމުން އަންނަ މަސައްކަތަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.