އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލަ އިސްތިއުނާފް ކޮށްފި އެވެ.

މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ މިއަދު ކަމަށް އިމްރާންގެ ގާނޫނީ ވަކީލް ހުސްނުއްސުއޫދު ވަނީ ޔަގީންކޮށްދެއްވާފަ އެވެ.

މިމައްސަލަ އިސްތިއުނާފް ކުރަން ހުށަހަޅާފައިވަނީ މައިގަނޑު 12 ކަމެއްގެ މައްޗަށް ރިއާޔަތްކުރުމަށްފަހު އެވެ. ކްރިމިނަލް ކޯޓުން އިމްރާންގެ މައްޗަށް އިއްވި ހުކުމްގައިވެސް މައިގަނޑު 12 ކަމަކަށް ރިއާޔަތްކޮށްފައިވެ އެވެ.

އިމްރާންގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އޭނާ 12 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

އިމްރާންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލީ މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީން އިންތިޒާމުކޮށްގެން މާލޭގައި ކުރިއަށް ގެންދިޔަ ބޮޑު އެއްްވުމުގައި ހިނގާދިޔަ ބޮޑެތި ހަމަނުޖެހުންތަކާއި ގުޅިގެންނާއި އެ މުޒާހަރާގެ ބައިވެރިންނާ މުހާތަބުކޮށް އިމްރާން ދެއްކެވި ކަމަށް ބުނާ ވާހަކަތަކާއި ގުޅިގެންނެވެ. އަދި އެދުވަހު ހިނގާ ދިޔަ ހަމަނުޖެހުންތަކުގެ ޒިންމާ އިމްރާންއާއި އަދާލަތު ޕާޓީން ނަގަންޖެހޭނެ ކަމުގައިވެސް ހުކުމްގައިވެ އެވެ.

އިމްރާންގެ މައްސަލަ ބެއްލެވީ ކްރިމިނަލް ކޯޓް ހިންގުމާ މިވަގުތު ހަވާލުވަޑައިގެން ހުންނެވި ގާޒީ އަބްދުލް ބާރީ ޔޫސުފް އެވެ.