އިނގިރޭސި ލީގުކަޕްގެ ފައިނަލުގައި މިރޭ ސިޓީއާ ދެކޮޅަށް ނުކުންނާނީ އެޓީމް ބަލިކޮށް މުބާރާތުގެ ތަށި ހޯދުމަށް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނެފި އެވެ.

ސިޓީ އާއި ލިވަޕޫލް ބައްދަލުކުރާ ލީގު ކަޕްގެ ފައިނަލް މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 21:30 ގައެވެ.

މެޗުގެ ކުރިން ލިވަޕޫލްގެ ކޯޗް ބުނީ، މިރޭގެ މެޗަށް ޓީމް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެ ކަމަށާއި މެޗުން މޮޅުވާނެ ކަމުގެ އުންމީދު ވަރަށް ވެސް ބޮޑު ކަމަށެވެ.

"ލިވަޕޫލްއިން މިރޭ މަސައްކަތްކުރަނީ ތައްޓަށް. އެއީ ކޮންމެ ވައްތަރެއްގެ ތަށްޓެއް ވިޔަސް މައްސަލައެއް ނެތް. ވަރަށް އުންމީދު އެބޮތް މެޗުން މޮޅުވާނެ ކަމަށް. ޓީމް އޮތީ މެޗަށް ވަރަށް ފުރިހަމައަށް ތައްޔާރުވެ. މި ތަށި ހޯދުމަށް ލިވަޕޫލްއިން ބޭނުންވާ މިންވަރު މިރޭގެ މެޗުގެން ފެނިގެންދާނެ" ކްލޮޕް ބުންޏެވެ.

މިއީ ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވިފަހުން ކްލޮޕް ލިވަޕޫލް ގޮވައިގެން ނިކުންނަ ފުރަތަމަ ފައިނަލެވެ. އަދި އެ ޓީމާ ހަވާލުވިތާ ފަސް މަސް ތެރޭ ތަށްޓެއް ހޯދުމުގެ ފުރުސަތު ކްލޮޕް އަށް ލިބޭ ފުރަތަމަ ފަހަރެވެ.

ވެމްބްލީ ސްޓޭޑިއަމުގައި ކުޅޭ މިމެޗުގެ ކުރިން މެންޗެސްޓާ ސިޓީގެ ކޯޗު މެނުއަލް ޕެލެގްރިނީ ބުނީ ސިޓީވެސް މިރޭ ނުކުންނާި އުންމީދާއެކު ކަމަށާއި އިދިކޮޅަށް ނިކުންނަ ޓީމަށް ވަރަގަދަ ފައިޓެއް ދޭން ކަަމށެވެ. އަދި މިރޭ ތަށި ހޯދިއްޖެ ނަމަ އެއީ އެ ޓީމަށް ލީގުގައި ވެސް ރަނގަޅު ކާމިޔާބެއް ހޯދަން ލިބޭނެ ބާރަކަށް ވާނެ ކަމަށް ޕެލެގްރިނީ ބުންޏެވެ.